ދުނިޔެ

އޮސްޓްރިއާގެ އެކި ހިސާބުތަކުގައި ބަޑީގެ ހަމަލާތަކެއް


އޮސްޓްރިއާގައި ދިން ބަޑީގެ ހަމަލާތަކެއްގައި ދެމީހުން މަރުވެއްޖެއެވެ.

ހަތިޔާރު ހިފައިގެން ތިބި ގިނަ ޢަދަދެއްގެ މީހުންވަނީ އޮސްޓްރޭލިއާގެ ވިއެނާގެ ހަ ސަރަޙައްދަކަށް ބަޑީގެ ޙަމަލާ ދީފައެވެ. އެ ޙާދިސާގައި މިހާތަނަށް ދެ މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަޚަމްވެފައެވެ. ސަލާމަތީ ބާރުތަކުންވަނީ އެ ޙަމަލާގައި ބައިވެރިވި އެކަކު މަރާލައިފައެވެ.

ވިއެނާގައި ދިން ޙަމަލާތައް ފެށިފައިވަނީ ހޯމަ ދުވަހުގެ ރޭ އެ ޤައުމުގެ ގަޑިން ރޭގަނޑު އަށެއް ޖަހާހާއިރެވެ. ޙަމަލާ ދިން މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސްދަނީ ކުރިއަށެވެ. ފުލުހުންވަނީ އާންމުން އާންމު ތަންތަނަށް އެއްވެ ނޫޅުމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު މިވަގުތު ބޭނުން ނުކުރުމަށް އިލްތިމާޞްކޮށްފައެވެ.

އޮސްޓްރިއާގެ ޗާންސެލަރު ސަބެސްޓިއަން ކުރުޒު ވިދާޅުވީ އެ ޤައުމުގައި ދީފައިވާ ހަމަލާތަކަކީ ނިރުބަވެރި ޙަމަލާތަކެއްކަމަށާއި މިއީ ޤައުމަށް ކުރިމަތިވެފައިވާ ވަރަށް އުނދަގޫ ޙާލަތެއްކަމަށެވެ. ނިރުބަވެރިންނާއި ދެކޮޅަށް ފުލުހުން މަސައްކަތްކުރަމުންދާ ވަގުތު ޤައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާނީ އަސްކަރިއްޔާއިންކަމުގައި އޭނާ ވިދާޅުވިއެވެ.

ވިއެނާގައި ދިން ޙަމަލާ ފެށިފައިވަނީ ކޯވިޑް-19އާއި ގުޅިގެން އެ ޤައުމުގައި ޤާއިމްކުރާ ފުރަބަންދުގެ އުސޫލުތައް ތަންފީޒުކުރުމުގެ ވަގުތު ކޮޅެއް ކުރިންނެވެ. އެ ވަގުތު ކެފޭތަކާއި ރެސްޓޯރަންޓުތައްވަނީ ފުރި ބާރުވެފައެވެ. މަންޒަރު ދުށް މީހަކު ބުނީ ޙަމަލާދީފައިވާ އެއް ސަރަޙައްދުގައި ހުރި ކެފޭތަކުގައި ތިބި މީހުންނާއި އަމާޒުކޮށް ޙަމަލާދީފައިވާ މަންޒަރު ފެނުނުކަމަށެވެ.