ޚަބަރު

އެމްސީއެސްގެ ކަންކަން ބައިނަލްއަޤްވާމީ ފަރާތްތަކުން ބަލައިގަންނާނެ ލެވެލްއަށް ހަރުދަނާކުރަން ގޮވާލައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކަންތައްތައް ބައިނަލްއަޤްވާމީ ފަރާތްތަކުން ބަލައިގަންނާނެ ފެންވަރަށް ހަރުދަނާކުރަން މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ގޮވާލައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިގޮތަށް ގޮވާލެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެ މުވައްސަސާއަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ އޭޖެންސީތަކުން ގާތުން ބަލަމުންދާ މުވައްސަސާއެއްކަމަށެވެ. އެހެންކަމުން އެ މުވައްސަސާގެ ކަންތައްތައް ހުރިހާ ފަރާތްތަކުން ބަލައިގަންނާނެ ލެވަލްއަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގެންނެވިއެވެ.

އަދި އެކި ދާއިރާތަކުގެ އިލްމުވެރި، ފަންނީ އޮފިސަރުންނާއި މުވައްޒަފުން ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ބާރު އެޅުއްވިއެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރޭވިފައިވާ ގިނަ ކަންތައްތައް މަޑުޖައްސާލައި ނުވަތަ ކުރިއަށް ނުގެންދެވިފައިވީނަމަވެސް، ބައެއް ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ އަހަރު ތެރޭގައި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޕްލާގް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގަޑިއަށާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނާއި މާފުށީ ޖަލަށް އެކި ގޮތްގޮތުން އެހީތެރިވެދިން އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން މާފުށީ ޖަލަށް ރީތި ނަން ހޯދައިދިން އޮފިސަރުން ފާހަގަކުރުން ހިމެނެއެވެ.

ހަނދާނީ ލިޔުމާއި ޕްލާގް ހަވާލުކުރުމުގެ އިތުރުން ވޭތުވެދިޔަ އަހަރު މާފުށީ ޖަލުގެ މަސައްކަތްތައް ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މިރަސްމިއްޔާތުގައި ހުށައެޅިއެވެ.