އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯއަކަށް ޑރ. މުހައްމަދު ސާލިހު އައްޔަން ކުރައްވައިފިއެވެ.
މިމަޤާމަށް ޑރ. ސޯލިހު އައްޔަން ކުރައްވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަަމާން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ. ހޫދު ވިދާޅުވި ގޮތުގައި، މިމަޤާމަށް ޑރ. ސޯލިހު އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާ އެއް ފެންވަރުގައެވެ.
އައިޖީއެމްއެޗުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޑރ. މުހައްމަދު ސޯލިހު އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ޑރ. ސޯލިހު އަކީ އައިޖީއެމް ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލް ހިންގެވުމުގައިވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އެއާއެކު އައިޖީއެމް ހޮސްޕިޓަލުގައި ސާޖަންއެއްގެ ގޮތުގައި، އަދި މެޑިކާ ހޮސްޕިޓަލުގައި ޗީފް ސާޖަންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަސައްކަތް ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ސޯލިހު ރަސްމީކޮށް މިހަފްތާ ތެރޭގައި ހޮސްޕިޓަލާއި ހަވާލުވާނެއެވެ.
އޭއީއެޗް ސީއީއޯއެއް ހަމަޖެހިގެން މިދިޔައީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އެތަނާއި ގުޅޭ ސިއްޙީ މަރުކަޒުތަކުގެ އިދާރީ ހިނގުން ހެލްތު މިނިސްޓްރީއިން ވަނީ ވަކިކޮށްފައި ވަނިކޮށެވެ. އޭއީއެޗް ހެލްތް މިނިސްޓްރީގެ ދަށުން ވަކިވުމާއެކު، އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިނަ ދިވެހި ޑޮކްޓަރުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހޮސްޕިޓަލާއި ގުޅިވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބެއެވެ.