ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި ދުވަހަކަށް މިއަދު


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަނަދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވިދާޅުވީ މިއަދު އެކަނިވެސް 1،582 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިނިސްޓަރ ވަނީ އޮކްޓޯބަރުމަހު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި މިންވަރުވެސް ހާސިލްވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޮކްޓޫބަރުމަހު 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކުރައްވާފައެވެ.

ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންދާ އެއަރލައިންތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ.

ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހުގެ 28ވަނަ ދުވަހާއި ހަމައަށް އައި އިރު މި އަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.