ޚަބަރު

މުއްދަތު މަޖިލިސްތައް ކުރިއަށްދާ ގޮތް ބަލައި ދިރާސާކުރަން ޖޭއެސްސީން ނިންމައިފި


ކްރިމިނަލް ކޯޓުން މުއްދަތު މަޖިލިސްތައް ކުރިއަށް ގެންދާގޮތާއި ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ކްރިމިނަލް ކޯޓުގައި އެކި ކުށުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މުއްދަތު މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި، ބަންދާއި މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ނިންމާފައެވެ.

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދާގޮތް ބަލައި ދިރާސާކުރުމަށް ނިންމާފައިވާއިރު ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލަގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ދޫކޮށްލަން ކްރިމިނަލްކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ބައެއް ބޮޑެތި ގިނަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ކްރިމިނަލް ކޯޓުން ދޫކުރަމުންދާތީ އެކަމުގައި ޝަރީއަތް ކުރިއަށްދާ ގޮތް ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.