ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވާފައިވަނީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހުއެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފުން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ދައްކާލައި އެ ހަތިޔާރުތަކާއި ގުޅޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހުރިއްޔާ ވަނީ ފަޔަރ ޓާރގެޓްތައްވެސް ބައްލަވާލައްވާފައެވެ. އެމް.އެން.ޑީ.އެފުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.