ދިވެހިރާއްޖެ މެދުއިރުމަތީގައި އިޝްތިހާރުކުރުމަށްޓަކައި ޚާއްސަ ފެމެލިއަރައިޒޭޝަން ޓްރިޕެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއިއެކު ވިޒިޓް މޯލްޑިވްސްއިން ވަނީ "ރީޑިސްކަވަރ މޯލްޑިވްސް...ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ފެމެލިއަރައިޒޭޝަން ޓްރިޕްތައް އަލުން ފަށާފައެވެ. އެގޮތުން މިއީ ބޯޑަރު ހުޅުވާލިފަހުން ކުރިއަށް ގެންދާ ދެވަނަ ފެމިލިއަރައިޒޭޝަން ޓްރިޕެވެ. އެގޮތުން މި ފެށި ފެމިލިއަރައިޒޭޝަން ޓްރިޕްގައި މެދުއިރުމަތީގެ މަޝްހޫރު ދެ އިންފްލުއެންސަރުން ކަމަށްވާ ޝެރިފް އަދި ބެކީ ދިވެހި ވަނީ މިއަދު ހެނދުނު ދިވެހިރާއްޖެ އައިސްފައެވެ.
މި ފެމިލިއަރައިޒޭޝަން ޓްރިޕްގެ މަޤްސަދަކީ މެދުއިރުމަތީގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލަކީ ދިވެހިރާއްޖެކަން އަންގައިދީ ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ކަންތައްތައް ދައްކައިދިނުމެވެ.
ޝެރިފް އާއި ބެކީ ދިވެހިރާއްޖޭގައި ހޭދަކުރާ ފަސް ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ޕުލްމަން މޯލްޑިވްސް މާމުޓާ އަދި ހާޑްރޮކް ހޮޓެލްސްގައެވެ. 1.5 މިލިއަނެއްހާ މީހުން ފްލޯކުރާ މި ދެމީހުންގެ ދަތުރުގައި ރާއްޖޭގައިލިބެން ހުންނަ ޚިދުމަތްތަކާއި ދިވެހި ރާއްޖޭގައި ފަތުރުވެރިންނަށް ހުންނަ ތަފާތު ތަޖުރިބާތައް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ދައްކުވައިދޭނެއެވެ.
މެދުއިރުމަތީގެ އެކި ހިސާބުތަކުގެ ބޯޑަރު އަލުން ހުޅުވާލައި ދިވެހިރާއްޖެއާ އެގައުމުތަކާ ދެމެދު ސީދާ ދަތުރުތައް ފެށިފައިވާތީ މި ވަގުތު ޖީ.ސީ.ސީ އަދި ކޭ.އެސް.އޭ ރީޖަނުން ފަތުރުވެރިން ދިވެހިރާއްޖެއަށް ފަސޭހަކަމާއެކު ޒިޔާރަތްކުރުމުގެ މަގުވަނީ ފަހިވެފައެވެ. މެދުއިތުރުމަތިން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން އަންނަނީ ތަފާތު ކެމްޕެއިންތަކެއް ކުރިޔަށް ގެންދަމުންނެވެ. މީގެތެރޭގައި ޑިނާޓާ ޓްރެވަލް އަދި އެމިރޭޓްސްވުމަން އާއިއެކު ކުރިޔަށްދާ މާކެޓިންގް ކެންޕެއިން ހިމެނެއެވެ.
ވިސިޓް މޯލްޑިވްސްއިން އަންނަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މީގެ އިތުރުން ވެސް އެހެނިހެން މާކެޓްތަކުގައި ބޮޑެތި ޚަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ޗައިނާގައި ކުރިޔަށްގެންދާ ގްލޯބަލް ކެންޕެއިނާއި އިގިރޭސިވިލާތަށް ޚާއްސަކޮށްގެން ޓްރެވަލް ވީކްލީއާއިއެކު ކުރިޔަށްގެންދާ ކެންޕެއިން ހިމެނެއެވެ.