ކުޅިވަރު

ކުރިއަށްއޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެ: ޕީއެސްޖީ


ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެކަމަށް ޕީއެސްޖީ ބުނެފިއެވެ. ނޭމާގެ ފަޔަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ތުރުކީގެ އިސްތަންބުލް ބަސަކްސަހިރާއި ދެކޮޅަށް ކުޅެ ޕީއެސްޖީ މޮޅުވި މެޗްގައެވެ.

އެ މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނެވެ. މި އަނިޔާ އާއި ގުޅިގެން ލީގުގައި އެޓީމުން ނޯންޓްސް އަދި ރެނެސް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރްބީ ލިޕްޒިގާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެއެވެ.

ނޭމާއަށް ކެރިއަރުގައި މީގެ ކުރީންވެސް ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ޕީއެސްޖީއަށް ކުޅުނު ފުރަތަމަ ސީޒަންގައިވެސް ނޭމާއަށް ބޮޑު އަނިޔާއެއް ވެފައިވެއެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައިވެސް މުބާރާތު ތެރެއިން ނޭމާއަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ. ބްރެޒިލުން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބު ކުރި ޓީމުން ނޭމާއަށް ޖާގަ ގެއްލުނީވެސް އަނިޔާގެ ސަބަބުންނެވެ. ނޭމާވަނީ ޕީއެސްޖީއަށް މި ސީޒަނުގައި ކުޅުނު ހަ މެޗުން ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.