ޚަބަރު

ސީރޯ ޕްރިވެލެންސް ސަރވޭގެ މަސައްކަތް އަލުން ފަށައިފި


ސީރޯ ޕްރިވެލެންސް ސަރވޭގެ މަސައްކަތް ދެދުވަހަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ.

މި ސަރވޭއަށް ބޭނުންވާ ސާމްޕަލްތައް ނަގަންޖެހޭ ފަރާތްތަކަށް އެސްއެމްއެސްއެއް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި އެސްއެމްއެސް ލިބޭ ފަރާތްތަކުން މިސަރވޭއަށް އެއްބާރުލުން ދެއްވުމަށް އެޗްއީއޯސީންވަނީ އިލްތިމާސްކުރައްވާފައެވެ. މިސަރވޭއަށް ބޭނުންވާ ސާމްޕަލްތައް ނެގުންކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 7:00އާއި ހަމައަށެވެ.

މާލޭގައި ސާމްޕަލް ނަގަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ. އަދި ހުޅުމާލޭގައި ސާމްޕަލް ނަގަނީ ޖެމްސް ޕްރީސްކޫލްގައެވެ. ވިލިމާލޭގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ހޮސްޕިޓަލުން ކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ސީރޯ ޕްރިވެލެންސް ސަރވޭއަކީ ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރުނު މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

ރާއްޖޭގައި މިހާރުއޮތް ކޯވިޑް-19ގެ ޙާލަތުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް "ސީރޯ ޕްރިވެލަންސް ސަރވޭ" މުހިންމު ދައުރެއް އަދާކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވަނީ ވިދާޅުވެފައެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަބުރު މިހާރު ވަނީ ނިމިފައެވެ. އެ ބުރުގައި ސާމްޕަލް ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިހާރު މި ސަރވޭގެ ދެވަނަބުރު ފަށާފައިވާއިރު 4 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ސަރވޭ ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.