ސިޔާސީ

ހާލުބޮޑުވެގެން ކަނޑިންމަ ރިޒޯޓުން ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ނިޔާވެއްޖެ


ދ އަަތޮޅުގައި ހިންގާ ރިޒޯޓެއް ކަމުގައިވާ ކަނޑިންމަ މޯލްޑިވުސްއިން ހާލުބޮޑުވެގެން ދ ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ނިޔާވެއްޖެއެވެ.

މިރޭ އިރާކޮޅު ނިޔާވެފައި ވަނީ، ދ މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ. ދ އަތޮޅު ހޮސްޕިޓަލުންވެސް ބުނީ، ކަނޑިންމަ ރިޒޯޓުން އެހޮސްޕިޓަލަށް ގެނައި މީހަކު މިރޭ ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި، ކަނޑިންމަ ރިޒޯޓުން ދ އަތޮޅު ހޮސްޕިޓަަލަށް އެމީހާ ގެނެސްފައި ވަނީ ވެސް ހުންއައިސް ވަރަށް ބޮޑަށް ރޯގާޖެހި ހާލު ގޯސްވެގެން އެމާޖެންސީކޮށެވެ.

މާއެނބޫދޫ ކައުންސިލް މެމްބަރު، އިބްރާހިމް ސިރާޖު ވިދާޅުވީ، ނިޔާވި މީހާއަކީ އުމުރުން 60 އަހަރުގެ މީހެއް ކަމަށާއި، އޭނާ ކަނޑިންމަ ރިޒޯޓުގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމަށެވެ.

ކަނޑިންމަ ރިޒޯޓަކީ، މީގެ ކުރިން، ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައިވެސް ބޭނުން ކުރި ރިޒޯޓެކެވެ. އަދި މިހާރު އެރިޒޯޓު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.