ދުނިޔެ

ދެދުވަހުގެ ތެރޭގައި މިލިއަން މީހުންނަށް ކޯވިޑް ޖެހިއްޖެ


އެއްދުވަހުގެ ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިއްޖެއެވެ. މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 45.3 މިލިއަނެވެ. އަދި 1.18 މިލިއަން މީހުންވަނީ މަރުވެފައެވެ.

އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 507،543 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އެއްދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 500،000އަށްވުރެ އިތުރުވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު 545،936 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު އެންމެ ދެ ދުވަހުގެ ތެރޭގައި އެއްމިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދުވަނީ 25 އިންސައްތަ އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 400،000އަށްވުރެ އިތުރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

ހުޅަނގުގެ ގިނަ ޤައުމުތަކާއި މެދުތެރޭ އެމެރިކާގެ ބައެއް ޤައުމުތަކުގައި އެއްދުވަސްތެރޭ ބަލިޖެހޭ މީހުންގެ ޢަދަދު ފާއިތުވި ހަފުތާގެ ތެރޭގައިވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. ޙާލަތު ގޯސްވަމުންދާ ގިނަ ޤައުމުތަކުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ އަދި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ އެމެރިކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެއް ނުވެއެވެ.

ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ 66 އިންސައްތަ ޙިއްޞާކުރަނީ ވިލާތުގެ ޤައުމުތަކާއި އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކުންނެވެ. މަރުވެފައިވާ މީހުންގެ 76 އިންސައްތަ މީހުން މަރުވެފައިވަނީވެސް އެ ސަރަޙައްދުތަކުންނެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވިލާތުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ ދެ ގުނައަށް އިތުރުވެފައެވެ. އެ ސަރަޙައްދުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 250،000 ހުރަސްކުރީ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހުގައެވެ. ވިލާތުން މިހާތަނަށް ޖުމްލަ 9.4 މިލިއަން މީހުންނަށް ބަލިޖެހި 260،066 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހެމުންދަނީ ފަރަންސޭސިވިލާތުގައެވެ. މީގެ ދެ ދުވަސްކުރިން އެ ޤައުމުގައި ބައިލައްކައަށްވުރެ ގިނަ މީހުންނަށް ބަލިޖެހި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 47،637 މީހުންނަށްވަނީ ބަލިޖެހިފައެވެ.

އެންމެ ހަލުވިކަމާއެކު ބަލިފެތުރޭ ޤައުމުގެ ގޮތުގައި އަދިވެސް އޮތީ އެމެރިކާއެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 9.2 މިލިއަނަށްވުރެ އިތުރުވެފައެވެ. އަދި 234،207 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ 91،530 މީހުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ފަރުވާތެރި ނުވެއްޖެނަމަ އަންނަ ފެބުރުއަރީ މަހާ ހަމައަށް ދާއިރު މަރުވެފައިވާ މީހުންގެ ޢަދަދު ބައި މިލިއަނަށް އަރާނެކަމަށް ތަޖުރިބާކާރުންވަނީ އަންދާޒާކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭޝީޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ 10 މިލިއަނަށްވުރެ އިތުރުވެފައެވެ. އޭޝިޔާގެ އެހެން ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް އޭޝިޔާއިން އެންމެ ޙާލަތު ގޯސްވެފައިވާ އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު އަދިވެސްދަނީ މަޑުމަޑުން އިތުރުވަމުންނެވެ. ނަމަވެސް އިންޑިޔާގައި ބަލިފެތުރޭ މިންވަރުދަނީ ކުރިޔާ އަޅާ ބަލައިރު ކޮންމެވެސް ވަރަކަށް މަޑުޖެހެމުންނެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި މިހާތަނަށް 8 މިލިއަން މީހުންނަށް ބަލިޖެހި 121،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ އީރާނުގައެވެ. އެ ޤައުމުގައި މިހާތަނަށް 595،941 މީހުންނަށް ބަލިޖެހި 38،122 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ މިނެޓަކު ތިން މީހުން ދަނީ ކޯވިޑްގެ ސަބަބުން މަރުވަމުންނެވެ.