ދުނިޔެ

ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: އިނގިރޭސި ޚާރިޖީ ވަޒީރު


ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ސަބަބުން މިވަގުތު އެންމެ ޙާލަތު ގޯސްވެފައިވަނީ އެމެރިކާ އަދި ވިލާތުގައެވެ.

ކޯވިޑްގެ ދެވަނަ ރާޅެއް ފެތުރި ޤައުމުގެ ޙާލަތު ގޯސްވަމުންދާތީ އިނގިރޭސިވިލާތުގެ އަވަށްޓެރި ދެ ޤައުމުކަމުގައިވާ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުންވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ފުރަބަންދުގެ އުސޫލުތައް ޤާއިމްކޮށްފައެވެ. އެއާއެކު އިނގިރޭސިވިލާތުގައިވެސް އެފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ފިއްތުންތައްވަނީ އިތުރުވެފައެވެ.

އިނގިރޭސިވިލާތުގައި ބައްޔާއި ދެކޮޅަށް ބޭނުންކުރަމުންދާ އުސޫލަކީ ތިން މަރުޚަލާއަކަށް ބަހާލާފައިވާ އުސޫލެކެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް އިދިކޮޅު ލޭބާ ޕާޓީއިން ނުރުހެއެވެ. އެ ޕާޓީން ދަނީ ވަގުތީ ފުރަބަންދެއް ޤާއިމްކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 965،340 މީހުންނަށް ބަލިޖެހި 45،955 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 23،065 މީހުންނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އެވަރެޖުހުރީ 20،000ން މަތީގައެވެ. އަދި މަރުވާ މީހުންގެ އެވަރެޖް ހުރީ 200 އިން މަތީގައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިކިން ރާބް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި އެންމެންވެސް ދެމިތިބޭނަމަ ވަކިވަކި ސަރަޙައްދުތަކުގައި އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްގެން ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރެވިދާނެ ކަމަށެވެ. އެކަމުގެ ބައެއް ހެކި މިހާރުވެސް ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ޤައުމު އެއްކޮށް ފުރަބަންދު ނުކޮށް އެ ޤައުމަށް ބައްޔާއި ދެކޮޅަށް ކާމިޔާބު ވެވިދާނެތޯ ސުވާލުކުރުމުން ރާބް ވިދާޅުވީ ޤައުމު ފުރަބަންދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. ނަމަވެސް ސަރުކާރުގެ ނިންމުންތައް ނިންމަމުންދަނީ ބަލިފެތުރޭ މިންވަރަށް ބަލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.