ޚަބަރު

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފެށޭ ހަފްތާގައި އިންޑިއާއަށް ފޮނުވަނީ


މިދިޔަ ހުކުރު ދުވަހު، އައިޖީއެމްއެޗާއި ދިމާއި މޫދުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުއްﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފެށޭ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމުގައި ފުލުހުން ވިދާޅުވެއްޖެެއެވެ.

މިމަހުގެ 23ވީ ހުކުރު ދުވަހު، އައިޖީއެމްޗާއި ދިމާއި މޫދުތެރޭގައި މަރުވެފައި އޮއްވައި، ފެނިފައިވަނީ، ގދ. ވާދޫ، ރިމެމްބަރކަދާވަޑު، އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދެވެ. ޕޯސްޓްމޯޓަމް ހެދުމަށްޓަކައި، ރާއްޖޭން ބޭރަށް ފޮނުވެންދެން އޭނާގެ ހަށިގަނޑު ބާއްވައިފައި އޮތީ، ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފެށޭ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު، ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން އިންޑިއާއަށް ފޮނުވޭނެ ކަމަށާއި، މިހާތަނަށް އެކަން ލަސްވެގެން ގޮސްފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވުމަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ވަގުތު ނަގާތީ ކަމަށެވެ.

މިމަރާއި ގުޅިގެން ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައި ވަނީ، އެއީ ޤުދުރަތީ މަރެއްކަން ކަށަވަރު ނުކުރެވޭތީކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މަރުވެފައި އޮއްވައި ފެނުނު ސިދުރަތުއްﷲގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް އާއިލާއިންވެސް ފާހަގަކޮށްފައި އާއިލާއިންވެސް ތުހުމަތު ކުރަނީ، ސިދުރަތުއްﷲ މަރާލާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވަނީ، މިމަހުގެ 22ވީ ބުރާސްފަތި ދުވަހުގެ ހެނދުނު، 9:00 އާއި 10:00 އާއި ދެމެދު ސިދުރަތުﷲ ރަސްފަންނާއި ދިމާއަށް މޫދަށްއެރެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް އާއްމުކޮށްފައެވެ. އަދި ސިދުރަތުﷲ އެސަރަހައްދުން ދުށް، ނުވަތަ ބައްދަލުވި މީހަކު، ނުވަތަ އޭނާ އާއި ގުޅޭ މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެ މައުލޫމާތެއްވެސް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެެންފައެވެ.