ޚަބަރު

ބައިތުލްމަޤްދިސަށް އުފަން އެމެރިކާގެ ރައްޔިތުންގެ އުފަން ޤައުމަކީ އިސްރާއީލުކަމަށް ޖެހުމުގެ ފުރުޞަތުދެނީ


ބައިތުލްމަޤްދިސަށް އުފަން އެމެރިކާގެ ރައްޔިތުންގެ އުފަން ރަށަކީ އިސްރާއީލުކަމަށް ރަސްމީ ލިޔުންތަކުގައި ޖެހުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓު މައިކް ޕޮންޕެއޯ އިޢުލާނުކުރައްވައިފިއެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބު ފެށެން 4 ދުވަހަށް ވެފައި ވަނިކޮށް އެމެރިކާއާއި އިސްރާއީލާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅެވެ.

މީގެ ފަސް އަހަރުކުރިން ވެރިކަމުގައި ހުންނެވި ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ސުޕްރީމު ކޯޓުންވަނީ ބައިތުލްމަޤްދިސަށް އުފަން އެމެރިކާގެ ރައްޔިތުންގެ އުފަށް ރަށްކަމުގައި އިސްރާއީލު ޖެހުމަށް ފުރުޞަތު ދޭ ޤާނޫނަކާ ދެކޮޅަށް ނިންމާފައެވެ. ސުޕްރީމު ކޯޓުން ނިންމީ އެ ޤާނޫނަކީ ޤައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމަށް އޮންނަ ރިޔާސީ ބާރުތަކަށް ހުރަސްއަޅާ ޤާނޫނެއްކަމަށެވެ.

މުސްލިމުންގެ މުޤައްދަސް ބިމެއްކަމުގައިވާ ބައިތުލްމަޤްދިސްގެ މިލްކުވެރިކަމަކީ އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ މައިގަނޑު އެއް އަރައިރުމެވެ. އެތައް އަހަރެއްވަންދެން އެމެރިކާއިން ޢަމަލުކުރަމުންދިޔަ ސިޔާސަތުތަކާއި ދެކޮޅަށް 2017ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ ބައިތުލްމަޤްދިސަކީ އިސްރާއީލުގެ ވެރިކަންކުރާ ސިޓީކަމުގައި ރަސްމީކޮށް ބަލައިގެންފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން ބައިތުލްމަޤްދިސަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށްވަނީ ދެކޮޅުހަދައިފައެވެ.

ޕޮންޕެއޯ ވިދާޅުވީ ބައިތުލްމަޤްދިސަށް އުފަން އެމެރިކާގެ ރައްޔިތުންގެ އުފަން ރަށްކަމުގައި އިސްރާއީލު ޖެހުމަށް ޙުއްދަ ދިނުމަށް ނިންމި ނިންމުމަކީ 2017ވަނަ އަހަރު ބައިތުލްމަޤްދިސަކީ އިސްރާއީލުގެ ބައެއްކަމުގައި ބަލައިގަތުމަށް ރައީސް ޓްރަންޕު ނިންމެވި ނިންމެވުމާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

އެމެރިކާގެ އެ ނިންމުމާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުންދަނީ އަޑު އުފުލަމުންނެވެ. އިސްރާއީލުން އިސްތިޢުމާރުކޮސށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ފަލަސްޠީނުން ބޭނުންވަނީ އެ ދަޢުލަތުގެ ވެރިކަންކުރާ ސްޓޭޓުގެ ގޮތުގައި މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމުގައިވާ މަސްޖިދުލް އަޤުޞާ ހުންނަ ބައިތުލްމަޤްދިސް ކަނޑައެޅުމަށެވެ.

ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ ފަރާތުން ވާހަކަދެއްކެވި ވާސިލް އަބޫ ޔޫސުފް ވިދާޅުވީ ރައީސް ޓްރަންޕު މަސައްކަތްކުރައްވަމުންދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ފޮހެލުމަށްކަމަށެވެ. އޭނާވަނީ އެމެރިކާގެ އެންމެ ފަހުގެ ނިންމުމަކީ ޔަހޫދީންނާއި އެވަންޖެލިސްޓުންގެ ވޯޓު ޔަޤީންކުރުމަށް ކުރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމެރިކާއިންދަނީ އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް އަރަބި ޤައުމުތަކަށް ބާރުއަޅަމުންނެވެ. އެގޮތުން ޔޫއޭއީއާއި ބަހުރައިނަށާއި ސޫދާނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް މި ފަހުން ނިންމާފައިވާ ނިންމުމާ ހަމައަށް ވާސިލްވުމުގައި އެންމެ އިސް ދައުރެއް ޢަދާކޮށްފައިވަނީ އެމެރިކާއިންނެވެ.