ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ވޯޓުލީ މީހުންގެ ޢަދަދު 80 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގައި އިންތިޚާބު އޮންނަ ދުވަހު ދިގު ސަފުތައް ހަދައި ވޯޓުލުމުގައި ބައިވެރިވުމުގެ ބަދަލުގައި ގިނަ ޢަދަދެއްގެ މީހުންދަނީ ޕޯސްޓު މެދިވެރިކޮށް ނުވަތަ އިންތިޚާބުގެ ތާރީޚުގެ ކުރިން ވޯޓުލާ މަރުކަޒުތަކަށް ހާޒިރުވެ ވޯޓުލަމުންނެވެ. މިހާތަނަށް ވޯޓުލާފައިވާ މީހުންގެ ޢަދަދަކީ 2016ވަނަ އަހަރު އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދަށްވުރެ 58 އިންސައްތަ އިތުރު ޢަދަދެކެވެ. އެ ޢަދަދުން މި އަހަރުގެ އިންތިޚާބަށް އޮތް ފޯރި ހާމަވެގެން ދެއެވެ.
މި އަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަންޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނެވެ. މިހާތަނަށް ވޯޓުލާފައިވާ މީހުންގެ މެދުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ކުރީގައި އުޅޭކަމަށް ބެލެވެނީ އިދިކޮޅު ޑިމޮކްރަޓުންގެ ކެންޑިޑޭޓު ބައިޑަނެކެވެ. މިހާތަނަށް 9.2 މިލިއަން މީހުންނަށް އެމެރިކާގައި ބަލިޖެހި 227،000 މީހުން އެބަލީގައި މަރުވެފައިވާ ކޯވިޑް-19އާ ދެކޮޅަށް ރައީސް ޓްރަންޕުގެ ސަރުކާރުން އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަމަށް ގިނަ ޢަދަދެއްގެ މީހުން ޤަބޫލުކުރެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ އެ ޤައުމުގައި ބަލިޖެހިފައެވެ.
މިއަހަރުގެ އިންތިޚާބުގައި ދުރާލާ ވޯޓުލާ މީހުންގެ ބޮޑު ނިސްބަތަކީ ޑިމޮކްރަޓުންނެވެ. ރިޕަބްލިކަނުންނަކީ މީގެ ކުރިން ދުރާލާ ވޯޓުލުމަށް އެއްބާރުލުންދޭ ބައެކެވެ. ނަމަވެސް ޕޯސްޓު މެދުވެރިކޮށް ވޯޓުލުމުން ވޯޓު އޮޅުވާލުމުގެ ފުރުޞަތު ބޮޑުކަމަށް ރައީސް ޓްރަންޕު ތަކުރާރުކޮށް ވިދާޅުވަމުންދާތީ ރިޕަބްލިކަނުންގެ ގިނަ ބަޔަކު މި އަހަރު ވޯޓުލާނީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައިކަމަށް ބެލެވެއެވެ.
މި އަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ޖުމްލަ ޢަދަދު މިދިޔަ އިންތިޚާބުގައި ވޯޓުލީ 138 މިލިއަން މީހުންނަށްވުރެ މާ ބޮޑަށް އިތުރުވާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. ރައީސް ޓްރަންޕު ފުރަތަމަ ދައުރަށް ހޮވިވަޑައިގައިން 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދުރާލާ ވޯޓުލާފައިވަނީ 47 މިލިއަން މީހުންނެވެ.
20 ސްޓޭޓެއްގެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 18.2 ޑިމޮކްރަޓުންވަނީ މި އަހަރުގެ އިންތިޚާބުގައި ވޯޓުލައިފައެވެ. ރިޕަބްލިކަނުންގެ ތެރެއިން ވޯޓުލާފައިވަނީ 11.5 މިލިއަން މީހުންނެވެ. އޭގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ 8.8 މިލިއަން މީހުންވެސްވަނީ ވޯޓުލައިފައެވެ.