ޚަބަރު

އިންޑިޔާގެ ޔޫނިއަން މިނިސްޓަރަށް ކޯވިޑް-19 ޖެހިއްޖެ


އިންޑިޔާގެ ޔޫނިއަން މިނިސްޓަރު ސްމްރިތީ އީރާނީއަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިރާނީވަނީ އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަން މީސްމީޑިޔާ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާއާއި ބައްދަލުވެފައިވާ މީހުން ވީ އެންމެ އަވަހަކަށް ބައްޔަށް ތަހުލީލުކުރުމަށް އޭނާވަނީ ގޮވައިލައްވައިފައެވެ.

ޔޫނިއަން މިނިސްޓަރުގެ އިތުރުން އިންޑިޔާގެ ވަޒީރުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ ވަޒީރުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެގޮތުން ދާޚިލީ ވަޒީރު އަމިތު ޝާހާއި ތެލާއިބެހޭ ވަޒީރު ދަރަމެންދުރާ ޕްރަދަންގެ އިތުރުން މައި ސަރުކާރުގެ އިތުރު ހަތަރު ވަޒީރުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. މަދުޔާ ޕްރަދެޝާއި ކަރުނާޓަކާ ސަރަޙައްދުގެ ޗީފް މިނިސްޓަރުންނަވެސްވަނީ ބަލިޖެހިފައެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާތަނަށް އަށް މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 49،281 މީހުންނަށް ބަލިޖެހި 568 މީހުންވަނީ ބަލީގައި މަރުވެފައެވެ. އެއާއެކު އިންޑިޔާގައި ބަލީގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 121،131އަށް އިތުރުވެފައެވެ.