ދުނިޔޭގެ ވިޔަފާރި

ޑަބްލިޔުޓީއޯގެ ވެރިޔަކަށް އޮކޮންޖޯ އިވެއެލާ އައްޔަންކުރަން އެމެރިކާއިން ދެކޮޅު!


ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ނައިޖީރިޔާގެ ކުރީގެ މާލީ ވަޒީރު ގެނައުމަށް އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.

ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ނައިޖީރިޔާގެ ކުރީގެ މާލީ ވަޒީރު އޮކޮންޖޯ އިވެއެލާ ގެނައުމަށް އެމެރިކާއިން ދެކޮޅު ހަދާފައި މިވަނީ ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތްކުރާ ނޮމިނޭޝަން ކޮމިޓީން އެކަމަނާއަށް މަޤާމު ދެއްވުމަށް ހުށަހަޅާފައި ވަނިކޮށެވެ.

ޑަބްލިއުޓީއޯގެ ވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމަޤާމުގައި މިހާރު ހުންނެވި ބްރެޒިލްގެ ރޮބާޓޯ އެޒްވާޑޯ މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޤާމުން ވަކިވެވަޑައިގަންނަވާނެކަން މޭމަހު އިޢުލާންކުރުމުންނެވެ. 2 ދައުރު އެމަޤާމުގައި ހުންނެވުމަށްފަހު ރޮބާޓޯ މަޤާމުން ވަކިވުމަށް ނިންމެވިއިރު، އޭނާގެ މަޤާމުގެ ދައުރުގެ އެއް އަހަރު ބާކީ އެބައޮތެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތުގައި 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކުގެ ނަންތައް ދިރާސާކުރުމަށްފަހު 8 ފަރާތުގެ ތެރެއިން 2 ބޭފުޅެއްގެ ނަންފުޅު ވަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރަން ޝޯޓް ލިސްޓްކޮށްފައެވެ. އެއީ ނައިޖީރިޔާގެ ކުރީގެ މާލީ ވަޒީރު އޮކޮންޖޯ އިވެއެލާ އާއި ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިންގ ހީއެވެ. މި ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަޤާމު ލިބިވަޑައިގަތަސް، އެކަން ވެގެންދާނީ ތާރީޚީ ކަމަކަށެވެ. އެއީ އެމަޤާމް ލިބޭ ފުރަތަމަ އަންހެން ބޭފުޅާއަށްވުމުގެ ޝަރަފެވެ.

މިދިޔަ ބުދަދުވަހު އޮތް ބައްދަލުވުމެއްގައި ޑަބްލިޔުޓީއޯގެ ނޮމިނޭޝަން ކޮމިޓީން ނިންމާފައިވަނީ ޑަބްލިއުޓީއޯގެ ވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ނައިޖީރިޔާ އޮކޮންޖޯ އިވެއެލާ ގެނައުމަށް ޤައުމުތަކަށް ހުށަހެޅުމަށެވެ. މި ހުށަހެޅުމަށް ޑަބްލިޔުޓީއޯގެ ޤައުމުތަކުން ތާޢީދުކުރިނަމަވެސް އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި އެމެރިކާއިން ތާޢީދުކުރަނީ ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިންގ ހީއަށް އެމަޤާމު ދިނުމަށްކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އެފްރިކާގެ ބޭފުޅާއަށްވުރެ ކޮރެޔާގެ ބޭފުޅާ މަޤާމަށް މާބޮޑަށް ޤާބިލެވެ.

އެމެރިކާއިން މިކަމާ ދެކޮޅު ހެދުމުން ދެން ކުރިއަށްދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް އަންނަމަހުގެ 9 ވަނަ ދުވަހަށް ވަނީ ބައްދަލުވުމެއް ތާވަލުކޮށްފައެވެ.

ތަޖުރިބާކާރުން ލަފާކުރަނީ ހުރިހާ ޤައުމެއް އިއްތިފާޤުވެގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަކީ ދުރު ކަމެއްކަމަށެވެ. އޭގެ ބަދަލުގައި މިއީ ޑަބްލިޔުޓީއޯގެ ތާރީހުގައި ވޯޓަކުން އެޖަމުއިއްޔާގެ ވެރިޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ވޯޓަކަށް ގޮސްފިނަމަ އެމަޤާމަށް ހޮވޭނީ ނައިޖީރިޔާގެ މާލީ ވަޒީރުކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ ޔޫރަޕާއި، އެފްރިކާ އަދި ޗައިނާއާއި ޖަޕާނުން އޭނާއަށް ތާޢީދުކުރަން ނިންމާފައިވާތީއެވެ.