ވިޔަފާރި

މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު މިދިޔަ މަހަށްވުރެ ދެގުނަ އިތުރު


މިމަހުގެ މިހާތަނަށް 18601 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 37468 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. މިއަދަދު މިހާރުވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ.

ތަފާސް ހިސާތުތައް ދައްކާގޮތުން މިއަހަރުގެ މިހާތަކަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 420315 އެވެ.

ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިވީ މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. އެޤައުމުން ރާއްޖެއަށް 7507 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޔޫ.އޭ.އީއިންނެވެ. އެޤައުމުން ރާއްޖެއަށް 3479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން ރާއްޖެއަށް 3056 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އެއަރލައިންސްއިންނެވެ. އެއެއަރލައިންގެ ފްލައިޓްތަކުގައި ރާއްޖެއަށް 14987 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައެވެ. އެއެއަރލައިންސްގެ ފްލައިޓުތަކުގައި ރާއްޖެއަށް 14690 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.