ވިޔަފާރި

އެވްރެޖްކޮށް ދުވާލަކު 4 ޕްރައިވެޓު ޖެޓު މާފަރު އެއަރޕޯޓަށް މިހާރު ޖައްސާ


ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 74 ޕްރައިވެޓް ޖެޓު ޖައްސައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި މިހާރު އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް 4 ޖެޓު މާފަރު އެއަރޕޯޓަށް ޖައްސާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 11 ޕްރައިވެޓު ޖެޓް ކަމަށެވެ. އަދި އޮގަސްޓުމަހު 14 ޕްރައިވެޓު ޖެޓު ޖައްސާފައިވާއިރު، ސެޕްޓެމްބަރުމަހު މާފަރު އެއަރޕޯޓަށް ޖައްސާފައިވަނީ 13 ޕްރައިވެޓު ޖެޓެވެ. އަދި މިމަހުގެ މިހާތަނަށް 36 ޕްރައިޓެ ޖެޓު ވަނީ މާފަރަށް ޖައްސާފައިވާކަމަށް މުމްތާޒް ވިދާޅުވިއެވެ.

މުމްތާޒް ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕްރައިޓް ޖެޓު އެ އެއަރޕޯޓަށް ޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އެދުވަހު 8 ޖެޓު އެއަރޕޯޓަށް ޖައްސާފައިވާ ކަމަށެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތައް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ. ވިލާގުރޫޕުން ހަދާފައިވާ މާމިގިލީ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1800 މީޓަރެވެ. ރާއްޖޭގައި އެންމެ ދިގުރަންވޭ އެއް އޮންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.