ދުނިޔޭގެ ވިޔަފާރި

މިދިޔަ ކުއާޓަރުގައި ސެމްސަންގއަށް 59 ބިލިއަން ޑޮލަރުގެ އާމްދަނީއެއް


ސްމާޓްފޯނާއި އިލެކްޓްރޯނިކްސްގެ އެކި އުފެއްދުންތައް ބާޒާރަށް ނެރޭ ކޮރެޔާގެ ސެމްސަންގ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި 59 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސެމްސަންގުން އާއްމުކޮށްފައިވާ ނިމުނު 3 ވަނަ ކުއާޓަރުގައި މާލީ ހިސާބުތައް ދައްކާގޮތުން، 59 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކުންފުންޏަށް ލިބުނުއިރު، މިއީ ތަޖުރިބާކާރުން ލަފާކޮށްގެން ތިބި 57 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި 59 ބިލިއަން ޑޮލަރު ސެމްސަންގަށް ލިބުނުއިރު، ހިންގުމުގެ ޚަރަދުތައް ކެނޑުމުން ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 10.9 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ފައިދާއާ އަޅާބަލާއިރު 60 އިންސައްތަ އިތުރު އަދަދެކެވެ.
ސެމްސަންގ ކުންފުނީގެ ސްމާޓް ފޯނުގެ ވިޔަފާރިއަށް ބަލާލާއިރު، 3 ވަނަ ކުއާޓަރުގައި ސްމާޓް ފޯނުގެ ވިޔަފާރިން ވަނީ 26.3 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިއަހަރުގެ 2 ކުއާޓަރާ އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު 6 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައިމަހުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްދިޔަ މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ސެމްސަންގަށް ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް، މިހާރު ހިނގަމުންދާ މިއަހަރު ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބޭނެ އާމްދަނީ ދަށްވާނެކަމަށް ސެމްސަންގއިން ލަފާކުރެއެވެ. އެއީ ސެމްސަންގއިން އުފައްދާ މެމޮރީ ޗިޕްތަކަށް އޮންނަ ޑީމާންޑު ދަށްވުމުގެ ސަބަބުންނާއި، ސެމްސަންގއާ ވާދަވެރި އެޕަލްއިން އައު ފޯނުތަކެއް ބާޒާރަށް ނެރުމުން ކުރިމަތިވާނެ ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުންކަމަށް ސެމްސަންގުން ބުނެއެވެ.