ސިއްހަތު

ހަކުރު ނުހުންނަ ކަމަށް ބުނާ ބުއިންތަކަށް ސަމާލުވާންޖެހޭ- އެޗްޕީއޭ


އެއްވެސް ކަހަލަ
ހަކުރުގެ ބާވަތެއް އެކުލެވިފައި ނުވާކަމަށް ބުނާ ބުއިންތަކާއި ، ފިޒީ
ޑްރިންކްސްތަކާއި ޑައެޓް ސޮޑާ ފަދަ ބުއިންތައް ބޭނުންކުރުމަކީ ރައްކާތެރިކަމެއް
ނޫންކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާއްމުންގެ ސަމާލުކަމަށް
ގެނެސްފިއެވެ.



އެ އެޖެންސީން
މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މިފަދަ ބުއިން ތަކަކީ ޞިއްޚީގޮތުން ރައްކާތެރިކަންކުޑަ ބުއިންތަކެއް ކަމަށް ސައިންޓިފިކް ތަހްލީލްތަކުން
ސާބިތުކުރެވިފައިވާ ކަމަށެވެ.



މި ރިޕޯޓްގައި
ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކެއިންބުއިމުގެ އާދަކާދަތަކާއި
ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ އެހެނިހެން ބަދަލުތަކަކީ ޞިއްޙަތާއި
ގުޅުންހުރިކަންކަން ކަން ފާހަގަކުރައްވާ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި
އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ގައިންގައަށް ނާރާ ބަލިތައް އިތުރުވަނީ، ކެއިންބުއިމުގައި ގެންގުޅޭ ނުރަނގަޅު އާދަކާދަތަކުގެ ސަބަބުން ކަމަށް ފާހަގަކޮށް
އެފަދަ ބަލިތައް ޖެހުން ކުޑަކުރެވިދާނެކަމަށް ވެސް ރިޕޯޓްގައި
ފާހަގަކޮށްފައިވެއެވެ. އެގޮތުން ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމާއި، ނުރަނގަޅު ކެއިންބުއިންތައް ހުއްޓާލުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީވެސް މުހިންމުކަމެއްކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ޚާއްޞަކޮށް އިސްތިހާރުކުރެވޭ
ތަފާތު ބުއިންތަކާއި މެދު ސަމާލުވުމަށާއި، ޞިއްޚީގޮތުން ދުޅަހެޔޮ ދިރިއުޅުމަށް
އަހުލުވެރިވުމަށް ވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.




2014 ވަނަ އަހަރު ރާއްޖޭގައި މަރުވެފައިވާ މީހުންގެ
ތެރެއިން %81 މީހުން ނިސްބަތްވަނީ ގައިންގަޔަށް ނާރާބަލިތަކަށެވެ. އަދި މީގެ
ތެރެއިން %39 ނިސްބަތްވަނީ ހިތުގެ ބަލިތަކަށް ކަމަށްވެސް ހެލްތް
ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތުދެއެވެ.