ދުނިޔެ

މޮޑާނާއިން ތައްޔާރުކުރާ ވެކްސިން ނެރުމަށް ތައްޔާރުވަނީ


މޮޑާނާއިން ތައްޔާރުކުރަމުންދާ ތަހުލީލީ ވެކްސިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނުން ބުނެފިއެވެ.

މޮޑާނާއިންވަނީ އެ ކުންފުނިން ތައްޔާރުކުރާ ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރާއި ބައެއް އެހެން ޤައުމުތަކާއެކު އެއްބަސްވުންތައް ހަދައިފައެވެ. މޮޑާނާއިން ބުނީ އެ ވެކްސިންގަތުމަށް ޑިޕޮސިޓުގެ ގޮތުގައި މިހާތަނަށް 11 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޢަދަދެއް އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ.

ފަހު މަރުހަލާގެ ތަހުލީލުތައް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އެ ވެކްސިން އާންމުންނަށް ފޯރުކޮށްދޭނެ އިންތިޒާމާ މެދު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއުއެޗުއޯ އިސްވެ އުފައްދާފައިވާ ގުރޫޕަކާއެކު މަސައްކަތްކުރަމުންދާކަމަށް މޮޑާނާއިން ބުންޏެވެ.

މިހާރު ކުރަމުންދާ އެންމެ ފަހުގެ ތަހުލީލުތަކުގެ ނަތީޖާ އާންމުކުރާނީ ސީދާ ކޮން އިރަކުންކަމެއް މިހާތަނަށް މޮޑާނާއިން އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް 30،000އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރި އެ ތަހުލީލުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފުތާތަކުގައި އިޢުލާނުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.