ދުނިޔެ

އިންޑިއާގައި ކޯވިޑް ނަމްބަރު 8 މިލިއަން ހުރަސްކޮށްފި


އިންޑިއާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އަށް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ އަދި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިއާއެވެ.

އެ ޤައުމުގައި މިހާތަނަށް 8،041،051 މީހުންނަށް ކޯވިޑް-19 ޖެހި 120،583 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 49،912 މީހުންނަށް ބަލިޖެހި 509 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގައި ބަލިފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށައިފައިވީނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބަލިފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާނެކަމަށް ކަމާބެހޭ މާހިރުންވަނީ އިންޒާރު ދީފައެވެ.

ކުރިޔަށް އޮތީ އިންޑިއާގެ ފާހަގަކުރާ ބޮޑެތި އީދުތަކުގެ ޗުއްޓީގެ ދުވަސްވަރެވެ. މީ ގިނަ ބަޔަކު އެއްތަނަކަށް އެއްވޭ އެކި އުފާފުޅުކުރުން އޮންން ޗުއްޓީތަކަކެވެ.

ނޮވެމްބަރު މަހާއި ފެބްރުއަރީ މަހުގެ ދެމެދުގައި ހިނގާ ދުވަސްތަކަކީ ދަނޑުތައް އަނދާ ދުވަސްވަރަކަށް ވުމުގެ އިތުރުން އެކި ކަހަލަ ބަޑިބޭހުގެ ޙަރަކާތްތަކާއެކު އިންޑިޔާގައި ޢީދުތައް ފާހަގަކުރާނެއެވެ.

ވައި ތަޣައްތަރުވުމުގެ ސަބަބުން ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ އިންޑިއާއަށް އެބަލިން އަރައިގަތުމަށް ދަތިވެދާނެކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.