ވިޔަފާރި

ސަރުކާރަށް ޝުކުރު - ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުނީ އިންކަމް ސަޕޯޓް އެލަވަންސްއިން


ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. ވަޒީފާއަށް ކުރި އަސަރުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ގިނަ މީހުން މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާލާފައިވާއިރު އަނެއް ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުނު ގިނަ މީހުންވެސް ވަނީ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއްނެތި މާޔޫސްވެފައެވެ.

ކޯވިޑް19 ގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދިމާވި ނިކަމެތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ "އިންކަމް ސަޕޯޓް އެލަވަންސް" ގެ ނަމުގައި ޙާއްސަ އެލަވަންސެއް ތައާރަފްކޮށް ވަޒީފާއަށް އަސަރުކުރި މީހުންނަށް އެލަވަންސް ދޫކުރަން ފަށާފައެވެ. މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ އާމްދަނީއަށް އަސަރުކުރި 10538 މީހަކަށް ޖުމްލަ 116.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މި އެލަވަންސް ލިބުނު މީހުންގެ ތެރެއިން ހިމެނޭ އެއް ފަރާތަކީ އުމުރުން 36 އަހަރުގެ ފާތިމަތު އިޝާއެވެ. ކޯވިޑް19 ގެ ހާލަތު ކުރިމަތިވިއިރު އޭނާއައީ ކުދިންނަށް ޓިއުޝަން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ކޯވިޑްއާއިއެކު އާމްދަނީ ލިބުމުގެ މަގު އޭނާއަށް ބަންދުވެގެންދިޔައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މަރިޔަމް އިޝާ ބުނީ، އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އޭނާ ހުށަހެޅީ މޭމަހުގެ ފަހުކޮޅުކަމަށެވެ. އަދި ޖޫންމަހުގެ ތެރޭގައި އެލަވަންސް ލިބެންފެށިކަމަށާއި، މިހާރު ޖޫން، ޖުލައި އަދި އޮގަސްޓްމަހުގެ އެލަވަންސްވެސް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ މަހަކުވެސް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ލިބިފައިވާކަމަށް އިޝާ ބުންޏެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުނީ އިންކަމް ސަޕޯޓް އެލަވަންސްގެ ސަބަބުންކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"މިގޭގައި އުޅެނީ އަޅުގަނޑުމެން ފެމިލީ. ހަޒްބެންޑް އެކަނި ވޯކްކުރަނީ އެކަމަކު ސެލަރީ ހުރީ ވަރަށް ބޮޑަށް ދަށްކޮށްލާފަ. ދެންތިބި 2 ކޮއްކޮވެސް ހަމަ ކަނޑާލާފަތިބީ. މިގޭގައި ތިބޭނެ ކުޑަކުއްޖަކު ލައިގެން 8 މީހުން. ކެއުންވެސް ހަމަޖެއްސުނީ އިންކަމް ސަޕޯޓް އެލަވަންސް ލިބުމުގެ ސަބަބުން." އިޝާ ބުންޏެވެ.

ހުޅުމާލޭގެ ފްލެޓެއްގައި އާއިލާއާއިއެކު ދިރިއުޅޭ އިޝާ ބުނީ އޭނާއަށް އިންކަމް ސަޕޯޓް ލިބެން ފެށުމުން ފިރިމީހާއަށް ލިބޭ މުސާރައިން ބިލްތައް ދައްކަން ފެށުނުކަމަށެވެ. ޕެންޑިންގައި އަދިވެސް 3 ވަރަކަށް ބިލް އެބަހުރިކަމަށް އޭނާ ބުންޏެވެ. ސިއްހީގޮތުން ކުރަން ޖެހުނު މުހިންމު ބައެއް ކަންކަމަށްވެސް މަގު ފަހިވެގެންދިޔައީ އެލަވަންސް ލިބެން ފެށުމާއި އެކުގައިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑު ދަރިފުޅުވެސް ހިތުގެ ބަލިހުންނަ ކުއްޖެއްއެއީ. އޭނައަށްވެސް ވަކިކަހަލަ ކާއެއްޗެހި ބޭނުން ކުރެވެނީ. ގައިގަވެސް ވަކި އެއްޗެހި ލައްވައިގެން ގެންގުޅެނީ. އެސްތުމާވެސް ހުރޭ. އެހުރިހައި ކަމަކަށްވެސް ވަރަށް ރަނގަޅު އެލަވަންސް ލިބުނީމަ. މަންމަވެސް ބޭނުންކުރަނީ އާސަންދައިން ނުލިބޭ ބޭސް. އެހެންވީމަ މަންމައަށް އެބޭސް ގަންނަންވެސް އިންކަމް ސަޕޯޓްއަށް ލިބުނު ލާރި ހަމަ ބޭނުންކުރެވުނު. އިންކަމް ސަޕޯޓް ސަރުކާރުން ނުދެއްވިނަމަ ނޭންގެ އަޅުގަނޑުމެންނަށް އުޅެންޖެހޭނެ ގޮތެއްވެސް. ލޯނުގެ ގޮތުގައި މީހެއްގެ އަތުންވެސް ނުނެގޭނެތާ ހުރިހައި އެންމެންނަށް އޭގެ އަސަރު ކުރީމަ." އިޝާ ބުންޏެވެ.

ކޯވިޑްގެ ސަބަބުން އަސަރުކުރި ގިނަ ބަޔަކު ވަނީ މާލެ ދޫކޮށް ރަށަށް ބަދަލުވެފައެވެ. ނަމަވެސް އިޝާ ބުނީ އޭނާއަކީ މާލޭގައި ކުލިދައްކައިގެން ދިރިއުޅޭ މާލެ ރައްޔިތެއްކަމަށެވެ. އެހެންކަމުން މާލެ ދޫކޮށްދާނެ އިތުރު ވަކިތަނެއް އެމީހުންނަށް ނެތްކަމަށެވެ. ދަތިކޮށް އުޅޭ މީހުން އެޕްލައިކުރަން އިންކަމް ސަޕޯޓަކީ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން ބޭނުންވޭ މިކަހަލަކަމެއް ކޮށްދިނީތީ. އަޅުގަނޑުމެންނަށް ވިސްނާވެސްނުލެވޭ މިކަހަލަކަމަކަށް ހުޅުވާލާނެކަމަކަށްވެސް. އެހެން ޤައުމުތަކުގެ މީހުން ވަރަށް ބޮޑަށް ނިކަމެތިވެ އުޅޭތަން ފެންނަނީ ޓީވީންވެސް. ވަރަށް ދެރަވެފަ ތިބީވެސް. ވަރަށް ރަނގަޅު ސަރުކާރުން މިކަންތައް ކުރިކަން. އެހެންވީމަ ވަރަށް ޝުކުރު އަދާކުރަން ބޭނުންވޭ ހުރިހާ ފަރާތްތަކަށްވެސް." އިޝާ ބުންޏެވެ.

އިޝާގެ އިތުރުން އިންކަމް ސަޕޯޓް އެލަވަންސް ލިބުނު އެހެން ފަރާތެއްކަމަށްވާ އަޙްމަދު ޒަޔަން މުޙައްމަދުވެސް ބުނީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދާލެވުނީ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ސަބަބުންކަމަށެވެ.

ކޯވިޑް19 އާއި ކުރިމަތިލިއިރު އުމުރުން 22 އަހަރުގެ ޒަޔަން މަސައްކަތްކުރަމުން ދިޔައީ ރިސޯޓެއްގައެވެ. ނަމަވެސް ކުއްލި ގޮތަކަށް ރިސޯޓުން ވަނީ ވަކިކޮށްފައެވެ. އެއާއިއެކު އޭނާވެސް ހުރީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދޭނެގޮތެއް ނެތިފައެވެ. 5 މަހުގެ އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން މިހާރު އޭނާއަށް ވަނީ ދޫކޮށްފައެވެ.

"އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 23000 ނުވަތަ 24000 ލިބިއްޖެ. 5 މަހުގެ އެލަވަންސް އެއީ. އަދި އެއްމަސް އެޕްލައިކޮށްފަ އިންނާނެ. މިހާރު ފައިނަލް ޗެކްކުރުމުގެ މަސައްކަތް ކުރަނީ." ޒަޔަން ބުންޏެވެ.

ކޯވިޑްއާއިއެކު ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި އެލަވަންސް ދޫކުރުމަކީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ޒަޔަންވެސް ވަނީ ފާހަގަކޮށްފައެވެ.

"މި ދަނޑިވަޅުގައި ވަޒީފާއެއް ނުލިބި އެހެން ހުންނަން ޖެހިފައި އަސްލު ސަރުކާރުގެ ފަރާތުން އެލަވަންސް ލިބުމަކީވެސް ވަރަށް ބޮޑު ފައިދާއެއް. ޒަރޫރީ ބޭނުން ފުއްދާލެވޭ އެއިން. ސަރުކާރުން ހަމަ ރައްޔިތުންނަށް ކޮށްދޭ ރަނގަޅުކަމެއް މިއީ." އިންކަމް ސަޕޯޓް އެލަވަންސްއާއި ގުޅޭގޮތުން ޒަޔަން ބުންޏެވެ.

އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހާ ހަމައަށް އިތުރުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

ަލި

ތިން މަސް ވެއްޖެ ފައިނަލް ޗެކް ގަ އިންނަތާ