ޚަބަރު

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް 34 ޖަމިއްޔާއަކުން ގޮވާލައިފި


ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފަރަންސޭސި ވިލާތުން ހިންގާފައިވާ ލާދީނީ ޢަމަލާއި ގުޅިގެން، އެ ޤައުމާއިއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ރާއްޖޭގެ 34 ޖަމިއްޔާއަކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

މި ޖަމިއްޔާތަކުގެތެރޭގައި މާލެ އާއި އަތޮޅުތަކުގައި ހިންގަމުން އަންނަ ދީނީ އަދި އިޖުތިމާޢީގޮތުން މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނެއެވެ.

މި ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މާތް ނަބިއްޔާއަށް ކުރަމުންދާ ފުރައްސާރަތަކަށް އިންކާރުނުކޮށް އެފަދަ ޢަމަލުތައްކުރާ ޤަޢުމުތަކަށް ސަޕޯޓްކޮށް އެމީހުންގެ ތަކެތި ގަނެވިއްކައިގެން އެމީހުންގެ ވިޔަފާރިތަކަށް މާއްދީގޮތުންނާއި މަޢުނަވީގޮތުން އެހީވާ ބައެއްގެ ގޮތުގައި ވެގެންނުވާނެ ކަމަށެވެ.

މިފަދަ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މަޢާފަށް އެދެންދެން އެމީހުންނާއިއެކު ވިޔަފާރި އާއި އަދި ސިޔާސީ ގުޅުން ކުރިއަށްނުގެންދިއުމަށް ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ކޮންމެ ދިވެއްސެއް ފަރުދީ ޒިންމާގެ ގޮތުގައި ދެކިގެން ފްރާންސްގެ އުފެއްދުންތައް އެކީއެކަށް ބޮއިކޮޓްކުރުމަށްވެސް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ ނަބިއްޔާއަށް ނިސްބަތްކޮށް ކާޓޫނު ކުރަހައި އެ ޤައުމުގެ ސަރުކާރުގެ އޮފީސްތަކުގެ ބޮޑުސްކްރީންގައި އަޅުވާފައެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް، ޓެރަރިޒަމާއި އިސްލާމްދީނާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ރާއްޖޭގެ ސަރުކާރުންވެސް ވަނީ ކުއްވެރިކޮށްފައެވެ.

ޔޫއްޕެ

އަދިކިރިޔާ މިއެނގެނީ މިގަވުުގައިވެސް މުސްލިމުން ތިބިކަން