ވިޔަފާރި

ބީއެމްއެލްއިން އުކުޅަހުގައި ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި


އއ. އުކުޅަހުގައި ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ މިއީ އަތޮޅުތެރޭގައި އެ ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ހުޅުވާފައިވާ އޭޓީއެމް ސެންޓަރެއް ކަމަށެވެ.

މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

24 ގަޑިއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ހުންނައިރު، ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިވެގެންދާނެ ކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.

އއ. އުކުޅަހުގައި ހުޅުވާފައިވާ ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި އެކު އއ. އަތޮޅުގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް 3 ރަށަކުން ލިބޭނެއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލުން ދާދި ފަހުން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.