ޚަބަރު

އުނގޫފާރުން ޕޮޒިޓިވްވި މީހާގެ ނަތީޖާ ދެވަނަފަހަރަށް ޓެސްޓުކުރުމުން ނެގެޓިވް


ރ.އުނގޫފާރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ނަތީޖާ އިތުރަށް ޓެސްޓްކުރުމުން ނެގެޓިވް ވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އެއަތޮޅުގައި ހަދަމުން އަންނަ ކުޑަކުރަތުން ފަންސާހަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު އެރަށުން މީހުން އުނގޫފާރަށް ގޮސްފައިވާތީ ރައްކާތެރިކަމަށްޓަކާ އެރަށުގައި އެކްޓިވް ސާމްޕްލިންގ ގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި އެކްޓިވް ސަވައިލެންސްގެ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނީޓަރިންގެ ޙާލަތުގައިކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.

އުނގޫފާރުގައި ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވިކަމަށް ކަނޑައަޅާ ރ.އުނގޫފާރު މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އެއީ އެރަށު ސައި ހޮޓަލެއްގައި މަސައްކަތްކުރާ ކޭޝިއަރެއްކަމަށާއި އޭނާއާއި ކުޑަކުރަތުން އައި މީހުނާ ބައްދަލުވެފައިވާކަމަށް ކޮންޓެކްޓް ޓްރޭސިންގ އިން ހާމަވެފައިވާކަމަށް އެޗްއީއޯސީން ވަނީ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ސިއްޙީ ފަރުވާ ހޯދުމަށް އަތޮޅުތަކުން ދާ މައި އެއްރަށަކީ އުނގޫފާރުކަމަށްވުމުން ރައްޔިތުންގެ ސަލާމަތަށްޓަކާ މިހާރު އެރަށްވަނީ އަރައިފޭބުން މަނާކޮށްފައެވެ.