ދުނިޔެ

ހާލަތު ގޯސްވެ ފްރާންސާއި ޖަރުމަނު އަނެއްކާވެސް ފުރަބަންދަށް


ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް އަނެއްކާވެސް ފުރަބަންދުކޮށްފިއެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮނާއި ޖަރުމަނުވިލާތުގެ ޗާންސެލަރު އަންގެލާ މާކެލް ދެ ޤައުމު ފުރަބަނދުކުރުމަށް ނިންމެވީ ފިނިމޫސުން ބޯ މަތިވެފައިވަނިކޮށް ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ދެ ޤައުމުގެ ޙާލަތު ގޯސްވަމުންދާތީއެވެ.

ޓީވީ މެދުވެރިކުރައްވާ ޤާއުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް މެޚްރޮން ވިދާޅުވީ މިހާރު ވައިރަސް ފެތުރެމުންދަނީ ކުރިން ގޯސްވާނެކަމަށް އަންދާޒާވެސް ކޮށްފައި ނުވާހާ ހަލުވިމިނެއްކަމަށެވެ. ވިލާތުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ފަރަންސޭސިވިލާތްވެސްވަނީ ކޯވިޑްގެ ސަބަބުން ހުއްޓުމަކަށް އައިސްފައިކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ.

ހުރިހާ ޤައުމެއްވެސް އޮތީ އެއް ޙާލަތެއްގައިކަމަށާއި ކޯވިޑްގެ ދެވަނަ ރާޅެއް ނަގާފައިވާއިރު އެ ރާޅަކީ ބަލީގެ ފުރަތަމަ ރާޅަށްވުރެ ނުރައްކާތެރި އަދި ބާރަށް ފެތުރޭ ނުރައްކާ ރާޅެއްކަމަށެވެ. އެހެންކަމުން މީގެ ކުރިންވެސް ވައިރަސް ފެތުރުން ހުއްޓުވުމުގައި ކާމިޔާބުވި ސަބަބުކަމުގައިވާ ޤައުމު ފުރަބަންދުކުރުން އަނެއްކާވެސް ފިޔަވަޅެއްގެ ގޮތުގައި ތަންފީޒުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގައި އެޅި ފިޔަވަޅުތަކުގެ ދަށުން އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތައް ފުއްދުމުގެ ބޭނުމުގައި ނޫންގޮތަކަށް އާންމުން ބޭރުތެރެއަށް ނުކުމެ އުޅުން މަނާވާނެއެވެ. ބޭރުތެރެއަށް ނުކުންނައިރު ބޭރުގައި އުޅޭ ސަބަބު ބަޔާންކުރާ ލިޔުމެއް ގެންދަންޖެހޭނެއެވެ. ކޮންމެހެން ބޭނުންވާ ސާމާނުގަތުމަށާއި ބޭސް ފަރުވާ ހޯދުމުގެ ފުރުޞަތު ދޭނެއެވެ. އަދި އެއް ގަޑިއިރުގެ ވަގުތަށް ބޭރުތެރޭގައި ކަސްރަތުކުރުމަށްވެސް ވަގުތުދޭނެއެވެ. ވަޒީފާއަށް ދިޔުމުގެ ޙުއްދަދޭނީ އެމީހުންގެ ވަޒީފާގެ ޒިންމާ ގޭގައި ހުރެގެން ޢަދާނުކުރެވޭނެކަމަށް ވަޒީފާ ދިން ފަރާތުން ނިންމާ ޙާލަތްތަކުގައި އެކަންޏެވެ. ނަމަވެސް މަދަރުސާތައް ބަންދެއް ނުކުރާނެއެވެ.

ޖަރުމަނުވިލާތުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ތިއެޓަރުތައް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން 30ވަނަ ދުވަހާއި ހަމައަށް ބަންދުކުރުމަށްވަނީ ނިންމާފައެވެ. މަދަރުސާތައް ބަންދުކުރުމަށް ނިންމާފައި ނުވިނަމަވެސް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ޙާއްޞަ އުސޫލުތަކެއްގެ ދަށުންނެވެ.

ފިޔަވަޅުތަކާއި ގުޅޭގޮތުން ޗާންސެލާ މާކެލް ވިދާވީ މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށާއި މިވަގުތު ޞިއްޙީ ނިޒާމަށް ހިފަހައްޓާލެވުނު ނަމަވެސް މިހާރު ބަލިފެތުރޭ ބާރުމިނުގައި ބަލި ފެތުރޭނަމަ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަންނާނެކަމަށެވެ.

ޖަރުމަނުވިލާތުގެ މާލީ ވަޒީރު އޯލަފް ޝޮލްޒް ވިދާޅުވީ ކުރިއަށްއޮތް ނޮވެމްބަރު މަސް ވެގެންދާނީ ޤައުމުގެ ހަޤީޤީ ޙާލަތު ހާމަކޮށްދޭ މަހެއްކަމަށެވެ. މިހާރު ބަލިފެތުރޭ މިންވަރުގެ ހަލުވިކަމުން ދެވަނަ ރާޅު ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 1،235،132 މީހުންނަށް ބަލިޖެހި 35،785 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 36،437 މީހުންނަށް ބަލިޖެހި 244 މީހުންވަނީ މަރުވެފައެވެ.

މިހާތަނަށް 479،621 މީހުންނަށް ބަލިޖެހިފައިވާ ޖަރުމަނުވިލާތުގައި 16،202 މީހުންނަށް ބަލިޖެހި 96 މީހުންވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ތެރޭގައި ހިމެނޭ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ފުރަބަންދުކުރުމަށް ނިންމުމާއި ގުޅިގެން ދުނިޔޭގެ ޙިއްޞާގެ ބާޒާރުގެ އަގުތަކަށްވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ.