ވިޔަފާރި

ކޯވިޑް-19 : ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމަށް ސްވިޓްޒަލެންޑުން ކަނޑައަޅައިފި


ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅާ ރާއްޖެއިން ސްވިޒަރލޭންޑަށްދާ ފަރާތްތަކުން އައިސޮލޭޝަނަށް ދާން ނުޖެހޭ ގޮތަކަށް އެޤައުުމުން ހަމަޖައްސައިފިއެވެ.

ސްވިޒަރލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ
"ރިސްކު ކަންޓްރީސް ލިސްޓު"ން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ. މީގެކުރިން އެޤައުމަށް ރާއްޖެއިންދާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހެއެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމަށް ސްވިޓްޒަލެންޑުން ކަނޑައަޅާފައިވާއިރު އެޤައުމުގެ އެޑެލްވެއިސް އެއަރލައިންއިންއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައްވެސް ފަށާފައެވެ. އެ އެއަރލައިނުން ދަނީ ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރަމުންނެވެ.

ސްވިޒަރލޭންޑަކީ ރާއްޖެއަށް 13ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 33829 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.

ދާދިފަހުން އިނގިރޭސިވިލާތުން ރައްކާތެރިކަމަށް ކަނޑައެޅި މަންޒިލުތަކުގެ ތެރޭގައިވެސް ރާއްޖެ ވަނީ ހިމެނިފައެވެ. އެގޮތުން އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ޤައުމުތައް ނުވަތަ "ޓްރެވެލް ކޮރިޑޯ"ގެ ތެރެއަށް ރާއްޖެ ވަނީ އިތުރުކޮށްފައެވެ. މިއާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރާކަށް ނުޖެހޭނެއެވެ.