ޚަބަރު

ފުރަތަމަ ދެކުއާޓަރއަށްވުރެ ތިންވަނަ ކުއާޓަރގައި ގެވެށި އަނިޔާގެ މައްސަލަ އިތުރު


މިއަހަރުގެ ފުރަތަމަ ދެކުއާޓަރުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށައަޅާފައިވާ އަނިޔާގެ މައްސަލަތަކަށްވުރެ ތިންވަނަ ކުއާޓާރގައި ހުށައަޅާފައިވާ މައްސަލަތައް އިތުރުވެއްޖެއެވެ. ތިންވަނަ ކުއާޓަރގައި 179 މައްސަލަ ހުށައަޅާފައިވާއިރު މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 68 މައްސަލަ އިތުރު ޢަދަދެކެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެއޮތޯރިޓީއަށާއި އެހެން މުވައްސަސާތަކަށް ހުށައަޅާފައިވާ މައްސަލަތައް ނިސްބަތުންވަނީ އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރގައިވަނީ ގެވެށި އަނިޔާގެ ޖުމްލަ 179 މައްސަލަ އެއޮތޯރިޓީއަށް ހުށައަޅާފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 158 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ދެވަނަ ކުއާޓަރގައިވަނީ ރިޕޯޓުކުރި މައްސަލަތަކުގެ ޢަދަދު މަދުވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރގަ ހުށައަޅާފައިވަނީ 111 މައްސަލައެވެ.

ގެވެށި އަނިޔާގެ ގޮތުގައި ފުލުހުން މެދުވެރިކޮށް މިއަހަރު ހުށައެޅި މައްސަލަތަކުގެ ތެރޭގައި 110 މައްސަލަ ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް 70 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ސިއްޙީ ޚިދުމަތްދޭ ތަންތަނުންވަނީ އަނިޔާގެ 6 މައްސަލަ އެއޮތޯރިޓީއަށް ހުށައަޅާފައެވެ.

މިމައްސަލަތަކާއި ގުޅިގެން އަނިޔާ ލިބުނު މީހުންގެ ތަފާސްހިސާބުތައްވެސްވަނީ ޢާއްމުކޮށްފައެވެ. އެގޮތުން ގެވެށި އަނިޔާ ޖުމްލަ 242 މީހަކަށް ލިބިފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކުރައްވައެވެ. މީގެތެރޭގައި ހިމެނެނީ 182 އަންހެނުންނާއި 60 ފިރިހެނުންނެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން މަތީގެ 150 މީހުން ހިމެނޭއިރު 18 އަހަރުން ދަށުގެ 92 ކުއްޖަކުވެސް މީގެ ތެރޭގައި ހިމެނެއެވެ. ދެޢުމުރުގެ މީހުންގެ ތެރޭގައިވެސް އަނިޔާގެ ރިޕޯޓުކޮށްފައިވާ އަންހެނުންގެ ޢަދަދު ނިސްބަތުން އިތުރެވެ. އެގޮތުން 18 އަހަރުން މަތީގެ 115 އަންހެނުންނަށް އަނިޔާކޮށްގެން ހުށައާޅާފައިވާއިރު 18 އަހަރުން ދަށުންގެ 67 ކުއްޖަކަށްވަނީ އަނިޔާކޮށްގެން ރިޕޯޓުކޮށްފައެވެ. ގެވެށި އަނިޔާގެ ރިޕޯޓުތައް އިތުރުވެފައިވާއިރު ތިންވަނަ ކުއާޓަރގައި އަނިޔާކޮށްގެން 220 މީހަކުވަނީ ރިޕޯޓުކޮށްފައެވެ.

ގެވެށިއަނިޔާއާ ދެކޮޅަށް މުވައްސަސާތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރަމުންދާ މަސައްކަތާއެކު މިފަދަ މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އަނިޔާ ލިބެމުންދާނަމަ ނުވަތަ އެހެން މީހަކަށް އަނިޔާ ލިބެމުންދާކަމުގެ މަޢުލޫމާތު އިނގޭނަމަ އެކަން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ފަރުދީގޮތުން ކުރެވޭނެ މުހިންމު ކަމެކެވެ.