ދުނިޔެ

ޙަރަމް ހުޅުވާލިފަހުން އުމްރާވި މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް


އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލިފަހުން މިހާތަނަށް 1.2 މިލިއަން މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު އާއްމުކޮށް ހުޅުވާލީ މިމަހުގެ 4 ވަނަދުވަހުއެވެ.

ސައުދީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އުމްރާގެ އަޅުކަން މިހާތަނަށް ފުރިހަމަކުރި މީހުންގެ ތެރެއިން 59 އިންސައްތަ މީހުންނަކީ އެ ޤައުމުގެ ރައްޔިތުންނެވެ. އަނެއް 41 އިންސައްތައަކީ އެޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ މީހުންނެވެ.

މިހާތަނަށް އުމްރާ ފުރިހަމަ ކުރި މީހުންގެ ތެރެއިން 68 އިންސައްތަ އަކީ ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ 32 އިންސައްތައެވެ.

ކޯވިޑާއި ގުޅިގެން ޙަރަމުފުޅު ޖަމާއަތުގައި ނަމާދުކުރުން އާއްމުކޮށް މެނދުކަނޑާލާފައި އޮތުމަށްފަހު 7 މަހަށްފަހު އަލުން ހުޅުވާލީ މިމަހުގެ 18 ވަނަދުވަހުގެ ފަތިސް ނަމާދާއެކުއެވެ. އަށްފަހު މިހާތަނަށް ޖަމާއަތްތަކުގައި ބައިވެރިވި މީހުންގެ އަދަދު 0.45 މިލިއަނަށް އަރާކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ހަމައެދުވަހު ސައުދީން ވަނީ މަދީނާގައި ހުންނަ ނަބަވީ މިސްކިތުގައި ހިމެނޭ ރައުޟާ ސަރަހައްދާއި ކީރިތި ރަސޫލާގެ މަގްބަރާ ހިމެނޭ ސަރަހައްދުވެސް ހުޅުވާލާފައެވެ. އެއާއިއެކި މިހާތަނަށް 70 ހާހަށްވުރެ ގިނަ މީހުން ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މަގްބަރާ އަށް ޒިޔާރަތްކޮށް އެކަލޭގެ ފާނަށް ސަލާމް ރައްދުކޮށްފައެވެ. އަދި ސުވަރުގޭގެ ބަގީޗާގެ ތަކުގެ ތެރޭގައި ހިމެނޭ ރައުޟާއަށް މިހާތަނަށް 22 ހާސް ފިރިހެނުންނާއި 11 ހާސް އަންހެނުން ޒިޔާރަތްކޮށްފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ޙަރަމުފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.

ސައުދީ ސަރުކާރުން ބުނީ އެހެން ޤައުމުތަކުގެ ރައްޔިތުން އުމްރާވުމަށް ކަނޑައަޅާ އުސޫލްތައް ޤައުމުތައް ވަކިވަކިން އެގޭގޮތަށް އާއްމުކުރާނެކަމަށެވެ. އަދި ޤައުމުތަކަށް އުސޫލްތައް ކަނޑައަޅަނީ އެ ޤައުމެއްގައި ކުރިޔަށް އޮތް ހަފްތާތަކުގައި ކޯވިޑްގެ ހާލަތު އޮންނަ ގޮތަކަށް ބަލައިގެންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 50 އަހަރުގެ މީހުންކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.