ވިޔަފާރި

މައްސަލަތައް ކުރިމަތިނުވާނެގޮތަށް ކަރަންޓީން ނިޒާމްވަނީ ލާމަރުކަޒު ކުރެވިފައި- ޓުއަރިޒަމް މިނިސްޓަރ


މައްސަލަތައް ކުރިމަތިނުވާނެގޮތަށް ކަރަންޓީން ނިޒާމްވަނީ ލާމަރުކަޒު ކުރެވިފައިކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ މާފުށީގައި ހުރި ގެސްޓް ހައުސްއަކުން ކޯވިޑްގެ ކޭސްއެއް ފެނުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިމަހުގެ 15 ވަނަ ދުވަހު ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު ކޯވިޑްގެ ކޭސްއެއް ފެނިފައިވަނީ މާފުށިންނެވެ. އެމިހާ ޕޮޒިޓިވްވި ހިސާބުން ފެށިގެން ވަނީ ގެސްޓްހައުސްގައި ކަރަންޓީން ކުރެވިފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަށް އަޅައިގެން ކުރިއަށް ދިޔަ ނަމަވެސް، ކަރަންޓީން ނިޒާމް ލާމަރުކަޒީ ކުރެވިފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ ހާސްނުވެ ކުރިއަށް ދިއުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ރައްޖޭ އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުއެވެ. ފަތުރުވެރިން ރާއްޖެ އައުމުގެ ކުރީން، އެންމެ ގިނަ ވެގެން 4 ދުވަސް ކުރީން ހަދާފައިވާ ކޯވިޑްގެ ޓެސްޓެއް ހުށަހަޅަންޖެހެއެވެ. އަދި ރާއްޖެ އައުމަށް ފަހު 14 ދުވަސް ކަރަންޓީނު ވާން ޖެހޭއިރު، އައުމުގެ ކުރީން އިމިގްރޭޝަންގެ "އިމުގަ ޕޯޓަލްގައި" ރަޖިސްޓްރީވާންޖެހެއެވެ.

ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ ލިބެނީ އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ގެސްޓް ހައުސްތަކަކަށެވެ.