ވިޔަފާރި

7 މަސް ދުވަހަށްފަހު އައްޑޫގެ ދޮރާށިތައް ފަތުރުވެރިކަމަށް ހުޅުވާލައިފި


ކޯވިޑް-19ގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރިގެން ދިއުމާއިއެކު، މުޅި ޤައުމު އެކަމަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ދިޔައީ އަޑި އަޅައިގެންނެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަޙައްދަކީ އައްޑޫއެވެ. އައްޑޫގައި ހިންގަމުން ދިޔަ 2 ރިޒޯޓު އެއްކޮށް ބަނދުކުރީއެވެ. އަދި އެއާއެކު ގިނަ ބަޔެއްގެ ވަޒީފާތައްވެސް ގެއްލިގެން ދިޔައެވެ.

ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް، ސަރުކާރުން މިވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. ޙާއްސަކޮށް ދިވެހިން އިޤްތިސާދީ ލޭނަރުގެ ގޮތުގައި އޮތް ފަތުރުވެރިކަން ކޮޅަށް ޖެހުމުގެ މަސައްކަތް މިވަނީ ފެށިފައެވެ. ޤައުމު ލޮކްޑައުންއަކަށް ގެންދިއުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލިއެވެ. އޭގެ ފަހުން މިމަހުގެ 15 ދުވަހު ގެސްޓުހައުސްތަކަށްވެސް މިވަނީ ޙިދުމަތް ދިނުމުގެ ފުރުސަތު ދީފައެވެ.

މިއާއެކު ގެސްޓުހައުސް އޯނަރުން ތެޅިގަތީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އެތަންތަން ހުޅުވުމުގެ މަސައްކަތެވެ. އައްޑޫގައި މިމަސައްކަތް ފަށައި، 7 މަހުގެ ދިގު އިންތިޒާރަކަށްފަހު އައްޑޫއަށް މިވަނީ ފުރަތަމަ ފަތުރުވެރިޔާ އައިސްފައެވެ. އިނގިރޭސިވިލާތުން އައްޑޫ ޒިޔާރަތްކުރި މި ފަތުރުވެރިޔާ އަކީ މީގެ ކުރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މީހެއް ނޫނެވެ. އޭނާ މަޑުކުރަނީ އައްޑޫގައި އެންމެ ފުރަތަމަ ފަތުރުވެރިން ގެނައުމަށް ހުއްދަ ހޯދި ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައެވެ.

ރާއްޖެ އާދެވުމާއި ގުޅިގެން އޭނާ ވަނީ އޭނާގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"ރާއްޖެ އާދެވުމުން ވަރަށް އުފާވެއްޖެ. އަހަރެން ލަންޑަންގައި ތަނަކަށް ނުދެވި ތާށި ވެފައި ހުންނަތާ 7 މަސްދުވަސް ވެއްޖެ. އާއިލާ މީހަކާއި ދިމާ ނުވޭ. ރައްޓެހިންނާއި އެކު ބޭރަށް ނުދެވޭ. އެހެންވީމަ ރާއްޖެ އާދެވުމުން މިހުރީ ވަރަށް އުފަލުން. ކަސްރަތު ކޮށްލާ، މޫދަށް އެރިލާ ޑައިވް ކޮށްލުމުގެ ޝައުޤުވެރިކަން އެބަހުރި. " އިންގިރޭސިވިލާތުގެ ފަތުރުވެރިޔާ ޝުއޫރުތަށް ބަނޑުން ކޮށްލިއެވެ.

މިއީ 7 މަސް ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު އައްޑޫ އާއި ހަމައަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ޝުއޫރެވެ. މިއާއި އެކު ދެކުނު ފަތުރުވެރިކަން މިވަނީ ރަސްމީ ގޮތަކަށް ފެށިފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މީހުން އައުމަށް ހަމަޖެހިފައިވާކަމަށް ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުން މައުލޫމާތުދެއެވެ. އަދި ކޯވިޑް-19އާ ގުޅިގެން ހެދިފައިވާ ސިއްޙީ މިންގަޑުތަކަށް ވަރަށް ބޮޑަށް ސާމާލުކަން ދޭނެކަމުގެ ޔަޤީންކަންވެސް އެފަރާތުން ދެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް މިކަން ސިފަ ކުރައްވާފައިވަނީ، އައްޑޫ އަށް އާފެށުމެއްގެ ގޮތުގައެވެ. އުއްމީދުން ފުރިގެންވާ ދޯދިއެއްގެ ގޮތުގައެވެ. މިމަސައްކަތުގައި މިނިސްޓްރީއާއި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވާ މިނިސްޓަރ ވަނީ އައްޑޫސިޓީގެ ފަތުރުވެރިކަން އަލުން ފެށުމުން މަރުހަބާ ކިޔާފައެވެ.