ޚަބަރު

ދުނިޔޭގެ ތަފާސް ހިސާބު ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް


ދުނިޔޭގެ ތަފާސް ހިސާބު ދުވަހާގުޅުވައިގެން ކުޑަކުދިންގެ ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށައިފިއެވެ.

ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެން.ބީ.އެސްއިން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ޕޯސްޓަރުތައް ތައްޔާރުކުރަންޖެހޭނީ "މައި ޑާޓާ، މައި ކޮމިއުނިޓީ" ނުވަތަ "މަގޭ ތަފާސް ހިސާބު، މަގޭ މުޖުތަަމަޢު" މި ޝިޢާރުގެ ދަށުންކަމަށް އެން.ބީ.އެސްއިން ވިދާޅުވެއެވެ.

މި މުބާރާތުގައި 3 ކެޓަގަރީއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކެޓެގަރީ އެކެއް ޚާއްސަކޮށްފައިވަނީ އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ކެޓެގަރީ ދޭއް އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށްފައިވާއިރު، ތިންވަނަ ކެޓަގަރީ ޚާއްސަކޮށްފައިވަނީ 3 ކުދިންނަށްވުރެ ގިނަ ނުވާނެހެން ގްރޫޕް މަސައްކަތަށެވެ. ކޮންމެ ބައިވެރިއަކަށްވެސް ޕޯސްޓަރ ސަބްމިޓްކުރެވޭނީ މިއިން ކޮންމެވެސް އެއް ކެޓަގަރީއަކުން އެންމެ ޕޯސްޓަރެކެވެ.

މުބާރާތައް ތައްޔާރުކުރަންޖެހޭނީ އޭ-3 ސައިޒުގެ ޕޯސްޓަރެކެވެ. އަދި ޕޯސްޓަރު ތައްޔާރުކުރުމުގައި ފަންސުރު، ކްރެޔޯން، ފެން ކުލަ، އޮއިލް ޕެއިންޓް، ޑިޖިޓަލް އާޓް އަދި ކޮލާޖެއް ބޭނުންކުރެވިދާނެއެވެ. ތައްޔާރުކުރާ ޕޯސްޓަރުގެ މައިގަނޑު ޝިޢާރަކީ "މައި ޑާޓާ، މައި ކޮމިއުނިޓީ" ކަމުގައިިވިޔަސް، ކުރެހުމުން އަންގައިދޭ މެސެޖެއް "ކެޕްޝަން" ނުވަތަ "ސްލޯގަން"ގެ ގޮތުގައި ޕޯސްޓަރުގައި ހިމަންޖެހޭނެއެވެ. އަދި ޕޯސްޓަރު ކުރެހި ކުއްޖެއްގެ ނަމާއި، ރަށް އަދި ބައިވެރިވާ ކެޓެގަރީ ސާފުކޮށް ކިޔަން އިނގޭނެހެން ޕޯސްޓަރުގައި ލިޔަންޖެހޭނެކަމަށް އެން.ބީ.އެސްއިން ވިދާޅުވެއެވެ.

އެން.ބީ.އެސްއިން ވިދާޅުވީ، މުބާރާތުގައި ވަނަ ހޮވުމުގައި މައިގަނޑުގޮތެއްގައި ބަލާނީ ސޯޝަލް މީޑިއާގައި އެ ކުއްޖެއްގެ ޕޯސްޓަރަށް ލިބޭ ލައިކްސްއާއި ޖަޖިން ޕެނަލުން މާކްސްދޭގޮތެއްގެ މައްޗަށެވެ. އަދި މާކްސް ދިނުމުގައި ޝިއާރާއި ގުޅުންހުރި މިންވަރާއި، ޕޯސްޓަރުން މެސެޖު ދޭހަވާ މިންވަރާއި، އަމިއްލަ ވަންތަކަމާއި، އުފެއްދުންތެރިކަމާއި ހުނަރުވެރިކަމަށް ބަލާނެކަމަށްވެސް އެން.ބީ.އެސް ވިދާޅުވެއެވެ. މުބާރާތުގައި ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށްދާ ކުއްޖަކަށް 3000 ރުފިޔާ، 2 ވަނައަށްދާ ކުއްޖަކަށް 2000 ރުފިޔާ އަދި 3 ވަނައަށްދާ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ވަނަ ވަނައަށް ހޮވޭ ކުދިންގެ ޕޯސްޓަރުތައް އެން.ބީ.އެސްއާއި ޔުނިސެފްގެ ވެބްސައިޓާއި، ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވިޓަރގައި ހިއްސާކުރާނެކަމަށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ. މި މުބާރާތުގައި ޕޯސްޓަރުތައް ސަބްމިޓްކުރުމަށް ދީފައިވާ ސުންގަޑިއަކީ އަންނަމަހުގެ 10 ވަނަ ދުވަހެވެ. އަދި އަންނަމަހުގެ 20 ވަނަ ދުވަހު މުބާރާތުގެ ނަތީޖާތައް އިޢުލާންކުރާނެކަމަށްވެސް އެން.ބީ.އެސްއިން ވިދާޅުވެފައިވެއެވެ.