ސިއްހަތު

ޑެންގީއަށް ސާމާުލުވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި


މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއްކަމުން ޑެންގީ ހުންފެތުރޭ މިންވަރު އިތުރުވެދާނެތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން- އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފިއެވެ.ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އުފެދި އާލާވާ ގޮތައް ހުންނަ ތަންތަން ނައްތާލުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.މިއަހަރުގެ މިހާތަނަށް ޑެންގީ ހުންޖެހިގެން 1224 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. މާލެއިން ޑެންގީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 511 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. އަދި އަތޮޅުތަކުން މިހާތަނަށް 713 މީހަކަށް ޑެންގީ ހުން ޖެހުނުކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.އަދި ޑެންގީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 4 މީހަކު މިއަހަރު ނިޔާވެފައިވާކަމަށްވެސް އެޗް.ޕީ.އޭން މައުލޫމާތުދެއެވެ.ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި، ހަފްތާއަކު އެއްފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތައް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑުނިވާވާ ފަދަ ގޮތައް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.އަދި ހުން އައުމަށްފަހު ރަނގަޅު ނުވެ 3 ދުވަހަށްވުރެ އިތުރުވާނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަޔާއި އިރުޝާދު ހޯދުމަށްވެސް ހެލްތް މިނިސްޓްރީންވަނީ އިލްތިމާސް ކޮށްފައެވެ.