ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގައި ބާއްވާ ފުރަތަމަ ބޮޑު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ 60އަށްވުރެ ގިނަ ޤައުމުން އިންތިޚާބުތައް ފަސްކޮށްފައިވާ އަހަރެއްގައި އިންޑިއާގެ ބިހާރުގެ އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބިހާރުގެ ސިޔާސީ ޕާޓީއަކުންވަނީ އިންތިޚާބު ފަސްކުރުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް ސުޕްރީމު ކޯޓުންވަނީ ކޯވިޑަކީ އިންތިޚާބު ފަސްކުރުމަށް ޤަބޫލުކުރެވޭ އުޒުރެއް ނޫންކަމަށް ނިންމާފައެވެ.
އިންޑިއާގެ ތިންވަނައަށް އެންމެބޮޑު އާބާދީ އޮންނަ ބިހާރު ސްޓޭޓުގެ އާންމު އިންތިހާބުގައި 70 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ކެންޕެއިނު ޙަރަކާތްތައް މީގެ ކުރިން ބާއްވާފައިވަނީ އިންޓަނެޓު މެދުވެރިކޮށެވެ. ނަމަވެސް އާންމުންނާއި ސިޔާސީ ފަރާތްތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ބޮޑެތި އާންމު ބައްދަލުވުންތައް ބާވަން ފާށާފައެވެ. ނަތީޖާއެއްގެ ގޮތުން ބިހާރުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ސްޓޭޓުގައި މިހާތަނަށް 200،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.
ބިހާރުގެ އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ 243 ގޮނޑިއަށް މެންބަރުން އައްޔަނުކުރާނެއެވެ. އާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ތިން ދުވަހަށް ބަހާލައިގެންނެވެ. ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ވޯޓުލުން ނިންމާ ވޯޓު ގުނަން ފަށާނީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގައެވެ.
މީހުން އެއްވާ މިންވަރު މަދުކުރުމަށް ވޯޓުލާ މަރުކަޒުތަކުގެ ޢަދަދު އިތުރުކޮށް ވޯޓުލުމަށް ދީފައިވާ ވަގުތުވަނީ އިތުރުކޮށްފައެވެ. ވޯޓުލުން ކުރިއަށްދާ ވަގުތު ވޯޓުލާ މީހުންދަނީ ގައިދުރުކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ބައެއް މީހުން އަންގަމަތި ނިވާކުރުމަށް މާސްކު ބޭނުންކުރާއިރު އަނެއް ބައި މީހުންދަނީ ދޯޕައްޓާއާއި ފޮތިގަނޑު ބޭނުންކޮށްގެން ރައްކާތެރިކަން ހޯދަމުންނެވެ. ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން އާންމުންގެ ހަށިގަނޑުގެ ފިނިހޫނުމިން ޗެކުކުރުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.
އިންޑިއާގެ އެންމެ ފަޤީރު އެއް ސްޓޭޓުކަމުގައިވާ ބިހާރަކީ އިންތިޚާބަށް ވަރަށް މުހިންމު ސްޓޭޓެކެވެ. އެ ސްޓޭޓުގައި ދިރިއުޅޭ 124 މިލިއަން މީހުންވަނީ އެކި ދަރަޖަތަކުގެ ޢާއިލާތަކަށް ބެހިފައެވެ. ބިހާރުގައި 24 ސިޔާސީ ޕާޓީއެއް އޮންނައިރު އެ ސްޓޭޓުގައި އެކި ޕާޓީތަކުންވަނީ އިއްތިޙާދު ހަދައިފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް އިއްތިހާދަކާއި ނުލައި ކާމިޔާބުކުރެވިފައި ނުވާ ހަމައެކަނި ބޮޑު ސްޓޭޓާކީ ބިހާރެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިއާގައެވެ. އެ ޤައުމުގައި 8 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 120،010 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 43،893 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ.