ވިޔަފާރި

އައިލެންޑްސް ޑޮޓް އެމްވީ ޕޯޓަލް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި


ރާއްޖޭގެ ރަށްރަށާބެހޭ ހުރިހާ މަޢުލޫމާތު އެއްތަނަކުން ލިބޭ ވެބްޕޯޓަލް، އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީއާ މިއަދު ހަވާލުކުރައްވައިފިއެވެ.

މި ވެބްޕޯޓަލް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް އާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.

އައިލެންޑްސް ޑޮޓް އެމްވީ އަކީ ރަށްރަށުގެ ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާއި ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތުގެ މަޢުލޫމާތު ލިބެންހުންނަ ޕޯޓަލެކެވެ. މިޕޯޓަލްގެ ދަށުން ކޮންމެ ރަށަކަށް ޚާއްޞަ ވެބްސައިޓެއް ހިމެނޭއިރު، އެވެބްސައިޓްގައި ހިމަނާ މަޢުލޫމާތުތައް ހިއްޞާކުރަންޖެހޭނީ ރަށު ކައުންސިލުންނެވެ.

އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓަރާ ހަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކުރެވިގެން ދިޔުމުން ރަށްރަށުގެ ގެސްޓްހައުސްތަކަށް އިތުރު ކުރިއެރުންތައް ލިބި، ރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ މިވެބް ޕޯޓަލް އެކުލަވާލަން ބޭނުންވާ މައުލޫމާތު ރަށްރަށުގެ ގެސްޓްހައުސް، ރެސްޓޯރެންޓް އަދި އެފަދަ ޓޫރިޒަމް އާއި ގުޅޭ ދާއިރާތަކުގެ ތަންތަނުން ހޯދުން ވެގެންދިޔައީ ދިމާވި ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އަދި އުއްމީދަކީ މި ޕްރޮޖެކްޓް އަކީ ކާމިޔާބު ޕްރޮޖެކްޓަކަށްވެ، ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއަރ ތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓްކުރެވި ރާއްޖޭގެ ގެސްޓްހައުސްތަކާއި، އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތަކާއި ޓޫރިޒަމް އާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް މި ޕޯޓަލްގެ އެހީގައި ބޮޑު މަންފާއެއް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ އައިލެންޑްސް ޑޮޓް އެމްވީގެ ފައިދާ މުޅި ރާއްޖެއަށް ލިބޭނެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަސްވެގެންދާނެ ކަމަށާއި، ރާއްޖޭގައި މިހާރު ހުޅުވާފައިވާ %95 ގެސްޓްހައުސްގެ މައުލޫމާތު މި ޕޯޓަލްގައި މިހާރު ހިމެނިފައިވާކަމަށެވެ.

އަދި ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ތަފާތު ދިރިއުޅުމެއް އުޅޭ ރަށަކަށްވެފައި، ފަތުރުވެރިން ގަޔާވާ ކަހަލަ ކަންތައްތައް ކޮންމެ ރަށަކުން ލިބެން ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މުސްތަޤުބަލުގައި މި ވެބްސައިޓް ވެގެންދާނީ ދިވެހިރާއްޖޭގެ ވާހަކަ ކިޔައިދޭ ސައިޓަކަށް ކަމަށެވެ.

މި ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މި މައުލޫމާތު ފޯރުކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ޕޯޓަލް އެއް ކަމަށާއި، މި ކަންތައް ކާމިޔާބު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމެނޭ އައިލެންޑްސް ޑޮޓް އެމްވީ ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިދިޔަ އަހަރުގެ މާރޗުމަހުގެ ތެރޭގައި ހުޅުމާލޭ ޝުވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.