ޚަބަރު

ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އެމެރިކާ މަޝްވަރާކޮށްފި


ދިވެހި ރާއްޖެއާއި އެމެރިކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މަޝްވަރާކުރައްވައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިންވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގަވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި އިންޑިއާއާއި ޕެސިފިކް ކަނޑުގެ ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީގެ މި ދަތުރުފުޅުގައިވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމަށްވެސް ނިންމަވާފައެވެ.

ސެކްރެޓަރީ ޕޮމްޕިއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތްތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ. އެގޮތުން ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީ ހިމެނެއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްފައިވެއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވި ފުރަތަމަ ފަހަރެވެ.