ވިޔަފާރި

އައި.އެމް.އެމް އޭޝިއާގައި ވިސިޓް މޯލްޑިވްސް ބައިވެރިވެއްޖެ


ޓްރެވްމިޑިޔާގެ ފަރާތުން ބާއްވާ އިންޓަނޭޝަަނަލް މީޑިއާ މާކެޓްޕްލޭސް، އައި.އެމް.އެމް އޭޝިއާގައި ވިސިޓް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަދު ފެށި މި ވާރޗުއަލް އިވެންޓަކީ އޭޝިއާގެ މިޑިއާ އަދި ޓްރެވަލް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ އިވެންޓެއްކަމަށެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވާރޗުއަލް އިވެންޓުގައި ރާއްޖޭގެ މުހިންމު މާކެޓްތަކުގެ ތެރެއިން ޗައިނާ، އިންޑިޔާ އަދި މިނޫންވެސް އެހެނިހެން ޤައުމުތަކުގެ މަޖައްލާތަކާއި ނޫސްތަކުގެ ލިޔުންތެރިން ބައިވެރިވާނެއެވެ. މިގޮތުން ސީ.އެން.އެން ޓޮރެވަލް، ރޮބް ރިޕޯޓް، ޓެޓްލަރ އޭޝިއާ، ކޮންޑެ ނާސްޓް ޓްރެވަަލަރ، ސައުތު ޗައިނާ މޯނިންގ ޕޯސްޓް ފަދަ ނަން މަޝްހޫރު މީޑިއާތައް ހިމެނެއެވެ.

މި އިވެންޓްގައި މީޑިއާތަކުގެ މެދުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ "ރީޑިސްކަވަރ މޯލްޑިވްސް" ކެންޕޭނަށް އަލިއަޅުވައިލެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިންނަށް އަމާޒު ކޮށްގެން މުޅި ދުނިޔެއަށް ވެސް އަލަށް ތަޢާރަފް ކުރެވުނު "މޯލްޑިވްސް ބޯޑަރ މައިލްސް "ޕްރޮގްރާމް އަދި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެލައިޑް އިންޝައަރެންސް ގުޅިގެން ތަޢާރަފްކުރި "އެލައިޑް އިންބައުންޑް"ގެ މައުލޫމާތުވެސް ޚިއްސާ ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އައި.އެމް.އެމް އޭޝިއާގައި ވިސިޓް މޯލްޑިވްސްއިން ބައިވެރިވެފައިވާއިރު އޭޝިއާގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެގޮތުން ޗައިނާއިން މިއަހަރު ޖެނުއަރީމަހު 31744 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިންޑިޔާއިން ވަނީ 35375 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ވިސިޓް މޯލްޑިވްސްއިން ދަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރީޑިސްކަވަރ މޯލްޑިވްސް ވެބިނާރ ސީރީސް ވަނީ ސެޕްޓެންބަރުމަހު ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. އަދި ޖަރުމަންވިލާތުގެ އައި.އެމް.އެމް އިވެންޓުގައި ވެސް ވަނީ ބައިވެރިވެފައެވެ. އަދި އިންޑިއާ މާކެޓްގައި ކުރިއަށްގެންދިޔަ އޯ.ޓީ.އާރް ވާރޗުއަލްގައިވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ. އަދި ވެޑިންގ ސުތްރާ ކެމްޕޭނާއި ފެމީލިއަރައިޒޭޝަން ޓްރިޕްތައްވެސް ދަނީ ކުރިޔަށްގެން ދަމުންނެވެ.