ވިޔަފާރި

ފްލައިދުބާއީ އަދި ލުފްތަންސާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ފްލައިދުބާއީ އަދި ލުފްތަންސާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އިއްޔެ ފަށާފައިވާއިރު ހަފްތާއަކު ހަތަރު ދަތުރު ދުބާއީ އާއި ރާއްޖެއާއި ދެމެދު ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ފްލައި ދުބާއީން ބުނީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރުދުވަހު އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެކަމަށެވެ.

ފްލައިދުބާއީއިން 2013 އިން 2018 އަށްވެސް ވަނީ ރާއްޖެއަށް ދަތުރުތައް ކޮށްފައެވެ. ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުންކަމަށް އެއަރލައިނުން ބުނެއެވެ.

ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައި ވަނީ މިއަދުއެވެ. އެއަރލައިންގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނުއެވެ.

ލުފްތަންސާއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ބުދަ އަދި އާދިއްތަ ދުވަހުއެވެ.

ފްލައިދުބާއީ އަދި ލުފްތަންސާއިން ރާއްޖެއަށް ދަތުރުތައް ފެށުމާއިއެކު ކޯވިޑް19 އަށްފަހު ރާއްޖެއަށް ދަތުރުފެށި އެއަރލައިންގެ އަދަދު މިވަނީ 14 އަށް އަރާފައެވެ. އަންމަ މަހުގެ ތެރޭގައިވެސް އިތުރު އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުފަށާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.