ދީން

މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަސް

މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ.މައްކާގެ މުގައްދަސް ބިންތަކުގައި ހައްޖުގެ އަޅުކަންއަދާކުރަމުން ގެންދާ ދެ މިލިޔަނަށްވުރެ ގިނަ ހައްޖުވެރިން ރޭ މިނާގައި ތިބުމަށް ފަހު ރޭފަތިހުން ފެށިގެން އެމީހުންވަނީ އަރަފާތުގެ ބިމަށް ޖަމާވާން ފަށާފައެވެ.ހައްޖުމަހުގެ 9 ވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަކީ ހައްޖުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރުކުނެވެ. މިރުކުން ފުރިހަމަ ނުކޮށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ. މިރުކުން އަދާކުރުމަށްޓަކައި ހައްޖުވެރިން މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ތިބޭނީ އަރަފާތުގެ ބިމުގައެވެ. އަރަފާތުގައި ހުންނަ މަސްޖިދުއް ނަމިރާގައި މިއަދުގެ މެންދުރު ނަމާދަށްފަހު ހައްޖުވެރިންނާ މުޚާތަބުކޮށް ދޭ ޚުތުބާގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާނެއެވެ.ހައްޖުވެރިން މިއަދު އަރަފާތުގެ ބިމުގައި ދެމިތިބޭނީ ނަމާދު ކުރުމުގެ އިތުރުން ތަލްބިޔާ ކިޔުމާއި ފާފަ ފުއްސެވުންއެދި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ ޙަޒްރަތަށް ދުއާކުރުމާއި ޒިކުރުކުރުންފަދަ އަޅުކަންތަކުގައެވެ. މިއަދުގެ މުޅި ދުވަސް އަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު އިރުއޮއްސޭ ހިސާބުން ފެށިގެން ހައްޖުވެރިން ދާނީ އަރަފާތުގެ ކައިރީގައިވާ އެހެން ބިމެއްކަމަށްވާ މުޒްދަލިފާ އަށެވެ.ހައްޖުވެރިން މިރޭ މުޒްދަލިފާގައި ތިބުމަށްފަހު މާދަމާ (އީދު ދުވަހު) ގެ ފަތިހުން ފެށިގެން ހައްޖުވެރިން ދެން އަވަސްވެގަންނާނީ އުޟްހިޔާ ކަތިލުމުގެ އަޅުކަން ފުރިހަމަ ކުރުމާއި، ފިރިހެނުން ބޯކޮށުން ނޫނީ ބޯ ބޭލުމަށާ އަދި ޖަމްރާތަކަށް ހިލައުކުމަށެވެ. އެއަށްފަހު އަނެއްކާވެސް މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލްއިފާޟާ ނިންމުމުން  ހައްޖުގެ އަޅުކަން ނިމޭނެއެވެ. ބައެއް ހައްޖުވެރިންއީދު ދުވަހާއި އައްޔާމުއްތަޝްރީޤްގެ ތިން ދުވަހުގައި މިކަންކުރާއިރު އަވަހަށް ނިންމަން ބޭނުންވާ ހައްޖުވެރިން އީދު ދުވަހާ އަދި ޖެހިގެން އޮންނަ ދުވަހު މިކަންކަން ފުރިހަމަކުރެއެވެ.ހައްޖުވެރިން މިއަދު އަރަފާތުގެ ބިމަށް ދިޔުމުގެ ކުރިން އިއްޔެ ތަރްވިޔާގެ ދުވަސް ފުރިހަމަ ކުރުމުގެ ގޮތުން ހޭދަކޮށްފައިވަނީ މިނާގެ މަޝްއަރުގައެވެ. މިނާއަކީ މައްކާއާއި 7 ކިލޯ މީޓަރުގެ ދުރުގައިވާ ހަނަފަސް ބިމެކެވެ.ހައްޖުމަހުގެ 8 ވަނަ ދުވަހަށް ތަރްވިޔާގެ ދުވަހުގެ ނަންދެވިފައިވަނީ ހައްޖުމަހުގެ 9 ވަނަ ދުވަސްކަމަށްވާ ހައްޖު ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަށްޓަކައި އެދުވަހަށް ބޭނުންވާ ބޯފެން ހޯދައި ރައްކާކުރުމަށް ކުރާ މަސައްކަތަށް ނިސްބަތްކޮށެވެ.ކީރިތި ރަސޫލާގެ ސައްލައްﷲ އަލައިހި ވަސައްލަމައިގެ ދުވަސްވަރު މައްކާގެ ހާލަތު އޮތްގޮތުން ފެންހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެދުވަސްވަރު ހައްޖުމަހުގެ 8 ވަނަ ދުވަސް ޚާއްސަކޮށްފައި ވަނީ އެމަހުގެ 9 ވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބޭއިރު ބޭނުން ކުރުމަށް ބޭނުންވާ ފެންހޯދައި ރައްކާކުރުމަށެވެ. މިޒަމާނުގައި މިހާލަތު ބަދަލުވެފައިވީ ނަމަވެސް ތަރްވިޔާގެ ދުވަހު މިނާގައި ހައްޖުވެރިން ތިބެނީ ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އެގޮތަށް އަމަލު ކުރައްވާފައިވާތީ އެކަލޭގެފާނުގެ ސުންނަތަށް އިގްތިދާވުމުގެ ގޮތުންނެވެ.