ޚަބަރު

މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާ މޫދަށް އެރެންދާތަން ފެންނަ ވިޑިއޯ އާއްމުކޮށްފި


ހުކުރު ދުވަހު އައިޖީއެމްއެޗާއި ދިމާއިން މޫދުގައި މަރުވެފައި އޮއްވައި ފެނުނު ސިދުރަތުﷲ އަޙްމަދު ރަސްފަންނަށް މޫދަށް އެރެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ ފުލުހުން އާއްމުކުރައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗާއި ދިމާއިން މާލޭގެ އުރަފަށުގެ މޫދު އަޑިން މަރުވެފައި އޮއްވައި ފެނިފައި ވަނީ ގދ. ވާދޫ، ރިމެމްބަރކަދާވަޑު، އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދެވެ. އޭނާގެ މަރުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އާއްމުކުރައްވާފައިވާ ވީޑިއޯ --

ފުލުހުން ވިދާޅުވީ، މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައި ވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. ފުލުހުން މިއަދު އާއްމު ކުރައްވާފައި ވަނީ، އެސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ މަންޒަރުތަކެވެ. އެމަންޒަރުތަކުން ރަސްފަންނުގެ މޫދާއި ދިމާއަށް އޭނާދާތީ ފެނެއެވެ.

ބުރާސްފަތި ދުވަހުގެ އެ ވަގުތުގައި ނުވަތަ މުޙައްމަދު ސިދުރަތުﷲ އަޙްމަދާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ އަދި މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.