ޚަބަރު

ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ދައުލަތަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފި


އެހެން ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގެންނެވުމަކަށް، ފިނޭންސް މިނިސްޓްރީން ވަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު ނަގާފައިވާ ދައުލަތުގެ ދަރަނިތަކާއި ބެހޭ މަޢޫލޫމާތު މަޖިލީހާއި ހިއްސާކުރައްވާފައެވެ. އެގޮތުން އެމުއްދަތުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނި 172 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ މަޢުލޫމާތުގައި ވެއެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ އާމްދަނި ދަށްވެފައި ވާތީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތެއް ބެލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

އެގޮތުން މުޅި މަޖިލީހުން ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ ސަރުކާރުން ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަންޏާއި އަދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނިތައް ރީސްޓްރަކްޗަރ ނުވަތަ ރީ-ޕްރޮފައިލްކުރުމުގެ މަސައްކަތް ދިވެހި ސަރުކާރާއި އެމް.އެމް.އޭއިން ލަސްނުކޮށް ފެއްޓެވުމަށް ދަންނަވަން ވަނީ ހިމަނާފައެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި، ދަރަނި ރީސްޓްރަކްޗަރކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީން އެ މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ކަމާގުޅޭ ޤާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދެވުމަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. އަދި ކޮމިޓީއަށް ޙަވާލުކުރެވޭ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމަވައި، އެ ކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ޙިއްޞާކުރުމަށްވެސް މަޖިލީހުން ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގައި ދައްކަންޖެހޭ ދައުލަތުގެ އެތެރޭގެ ދަރަނި ރޯލް-އޯވަރކޮށް، އެ ދަރަނި ދެއްކުން ފަސްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމާއި، ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިޞްލާޙުތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުގައި ދެންނެވުންވެސް ފާސްކުރި ރިޕޯޓްގައިވެއެވެ. އަދި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޮނިޓަރކުރުމަށް މަދުވެގެން އަހަރަކު ދެފަހަރު މަޝްރޫޢު ހިންގޭ ސައިޓަށް މިނިސްޓްރީ އޮފް ފިނޭންސްއިން ނުވަތަ އެ މިނިސްޓްރީން ޢައްޔަންކުރާ ފަރާތަކުން ގޮސް މަޝްރޫޢު ކުރިއަށްދާގޮތް ބަލަމުން ގެންދިއުމަށް ބަޔާންކޮށްފައި ވީނަމަވެސް، މި މަސައްކަތް ޢަމަލީގޮތުން ފެށިފައިނުވާކަން މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތަކުގެ މޮނިޓަރކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އެއުސޫލުގައި ކަނޑައަޅާފައިވާގޮތަށް، އެ އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި އެކަން ކުރަމުން ދިއުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މުޅިމަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުތަކުގައިކަން ފާހަގަކުރެވޭކަމާއި، ނަމަވެސް ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވްރިން ބޮންޑު (ސަނީ ސައިޑް ބޮންޑު) ގެ އިންޓްރެސްޓް ރޭޓަކީ %7 ކަމަށް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވާކަމަށާއި، މި ބޮންޑު ރީ-ޕްރޮފައިލް ކުރަންޖެހޭކަން ފާހަގަކުރެވޭކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ، އަންނަ އަހަރަކީ ދައުލަތަށް ބުރަ އަހަރަކަށް ވާނެކަމަށާއި، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 2024 ވަނަ އަހަރަށް ފަސްކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.