ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެޔާގެ އިޤްތިޞާދީ ދުވެލި ކުރިއަރަން ފަށައިފި


ދެކުނު ކޮރެޔާގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަންނަން ފަށާފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ކަމާބެހޭ އިދާރާތަކުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ނިމުނު 3 ވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދީ ކުރިއެރުން ވަނީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 1.9 އިންސައްތަ ކުރިއަށް ޖެހިލާފައެވެ. މިއީ ކޯވިޑްގެ ސަބަބުން މިދިޔަ 10 އަހަރުތެރޭގައި އެޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު ހީނަރުކަމަށްފަހު އިޤްތިޞާދީ ދުވެލި ކުރިއަށްޖެހުނު ފުރަތަމަ ފަހަރުކަމަށް ދެކުނު ކޮރެޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ދެކުނު ކޮރެޔާގެ އިޤްތިޞާދު 3.2 އިންސައްތަ މަޑުޖެހުނުއިރު މިއީ 2008 ވަނަ އަހަަރަށްފަހު އެޤައުމުގެ އިޤްތިޞާދު އެންމެ ބޮޑަށް މަޑުޖެހުނު ކުއާޓަރެވެ.

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދެކުނު ކޮރެޔާގެ އިޤްތިޞާދަށް 1.9 އިންސައްތައިގެ ކުރިއެރުމެއް ލިބުނުނަމަވެސް، މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު 1.3 އިންސައްތަ ދަށް އަދަދެކެވެ.

ދެކުނު ކޮރެޔާގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަނީ ސަރުކާރުން ތަޢާރަފްކުރި ސްޓިމިއުލަސް ޕެކޭޖްތަކުގެ ސަބަބުންނާއި އެޤައުމާއެކު ވިޔަފާރިކުރާ ޤައުމުތަކުން އަލުން އިޤްތިޞާދީ ހަރަކާތްތައް ފެށުމުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.