ދުނިޔެ

އެންމެ ބޮޑު ސިޔާސީ ޕާޓީ އޮތީ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާއެކު


މެލޭޝިޔާގެ ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީން އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ތާޢީދުކުރާކަމަށް އިޢުލާނުކޮށްފިއެވެ. އެ ޕާޓީން އެގޮތަށް އިޢުލާނުކުރީ އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ނަޖީބު ރައްޒާޤު، އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހީމަށް ތާޢީދުކުރުމަށް އިއްތިޙާދުގެ ބައިވެރިންނަށް ގޮވާލައްވައިފައިވާ ވަގުތެއްގައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް ކުޑަ ތަފާތަކުން ލިބިވަޑައިގެންފައިވާ މުޙްޔިއްދީން ޔާސީނަށް އިއްތިޙާދުގެ ބައިވެރިންގެ ފަރާތުން ގިނަ ފިއްތުންތައްދަނީ ކުރިމަތިކުރުވަމުންނެވެ. އޭގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހިމް މީގެ ދުވަސްކޮޅެއް ކުރިންވަނީ އައު ސަރުކާރު އުފެއްދުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތާޢީދު އޮތްކަމަށް ވިދާޅުވެ އެކަމުގެ ޔަޤީންކަން އެރުވުމަށް ރަސްގެފާނު ސުލްޠާން އަބްދުﷲ އާއި ބައްދަލުކުރައްވާފައެވެ. ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ސަބަބުން މެލޭޝިޔާގެ ޙާލަތުދަނީ ގޯސްވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެފައިވާކަމަށް ވިދާޅުވެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ކުއްލި ޙާލަތު އިޢުލާނުކުރަންޖެހޭ މިންވަރަށް ޤައުމުގެ ޙާލަތު ގޯސްވެފައި ނުވާކަމަށް ވިދާޅުވެ އެ ޤައުމުގެ ރަސްގެފާނުވަނީ އެ ހުށަހެޅުމާއި ދެކޮޅު ހައްދަވާފާއެވެ.

އިދިކޮޅު ފަރާތްތަކުންވަނީ ކުއްލި ޙާލަތު އިޢުލާނުކުރުމަށް ބޮޑުވަޒީރު ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައިކަމަށް ތުހުމަތުކުރައްވާފައެވެ. އެއާއެކު ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގިނަ ބަޔަކުވަނީ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ގޮވާލާފައެވެ.

ވެރިކަންކުރާ އިއްތިޙާދުގެ އެންމެ ބޮޑު ޕާޓީކަމަށްވާ ދަ ޔުނައިޓެށް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމްއެންއޯއިން މިމަހުގެ ކުރީކޮޅުގައިވަނީ ބޮޑުވަޒީރު މުޙްޔިއްދީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދާނެކަމުގެ އިންޒާރު ދީފައެވެ. އެހެންނަމަވެސް އެޕާޓީން ބުނީ ބޮޑުވަޒީރަށް ތާޢީދުކުރުމަށް މިހާރު ނިންމާފައިވަނީ ޤައުމުގެ ސިޔާސީ ހަމަޖެހުން ޔަޤީންކުރުމަށާއި ކޯވިޑް-19އާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއްކުރުމަށް ޤައުމުގެ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރަންވީ ވަގުތު ޖެހިއްޖެކަމަށް އެ ޕާޓީން ޤަބޫލުކުރާތީކަމަށެވެ.

ޔޫ.އެމް.އެން.އޯއިން ބުނީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްގެ ސިޔާސީ ޕާޓީއާއެކު މަސައްކަތް ނުކުރާނެކަމަށެވެ.
ސަރުކާރުގެ އިއްތިޙާދުގެ މެންބަރެއްކަމަށްވާ ނަޖީބު ރައްޒާޤު އިދިކޮޅު ލީޑަރު އަންވަރަށް ތާޢީދުކުރުމަށް ގޮވާލެއްވުމުން ގިނަ ބަޔަކަށްވަނީ ސިހުމެއް ލިބިފައެވެ. 2018ވަނަ އަހަރުގެ އިންތިޚާބުގައި އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ނަޖީބު ރައްޒާޤު ނާކާމިޔާބުވީ އަންވަރުވެސް އިސްވެ ހުންނެވި އިއްތިޙާދުން ކުރި މަސައްކަތުންނެވެ.