ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖައްވުގައިވެސް ވޯޓްލާ މަރުކަޒު


އެމެރިކާގެ ރިޔާސީ އިންތިޚާބަށް ގިނަ ޢަދަދެއްގެ މީހުން ވޯޓުލަމުން ދާއިރު މިވަގުތު ދުނިޔެއިން ބޭރުގައި ހުރި އެމެރިކާގެ ހަމައެކަނި ރައްޔިތު، ކޭޓް ރުބިންސްވެސްވަނީ ވޯޓުލައިފައެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގެ އެސްޓްރޯނަޓެއްކަމަށްވާ ރޫބިންސް މިވަގުތު ހުރީ ދުނިޔެއާއި 200 މޭލު ދުރުގައި ޖައްވުގެ ތެރޭގައެވެ.

މިއީ ދުނިޔެއިން ބޭރުގައި ހުރެ ރޫބިންސް ވޯޓުލީ ފުރަތަމަ ފަހަރެއް ނޫނެވެ. 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އޭނާ ވޯޓުލީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ހުރެއެވެ.
ރޫބިންސާއި އޭނާއާއެކު މަސައްކަތްކުރާ ރަޝިޔާގެ ދެ ކޮސްމޯނަޓުން ޖައްވަށް ދިޔުމަށް ފުރީ މި މަހުގެ ކުރީކޮޅުގައެވެ. އެކްސްޕެޑިޝަން 63/64ގެ ނަމުން ދީފައިވާ އެ ދަތުރުގައި ރޫބިންސާއި އޭނާގެ ބައިވެރިން ހަ މަސް ދުވަސް ޖައްވުގައި ހޭދަކުރާނެއެވެ. އެ މުއްދަތުގައި ތަފާތު އެކި ދިރާސާތައް އިންޓަނޭޝަލަން ސްޕޭސް ސްޓޭޝަންގައި ހުރެގެން އޭނާ ކުރާނެކަމަށް ނާސާއިންވަނީ ބުނެފައެވެ.

ޖައްވުގައި ހުރެގެން ވޯޓުލާނީ ކިހިނެތް؟

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޓުކަމުގައިވާ ޓެކްސަސްގައި ވޯޓުލުމަށް ރަޖިސްޓުރީވެފައިވާ އެސްޓްރޯނަޓުން ޖައްވުގައި ތިބެ ވޯޓުލުމުގެ ޙުއްދަ ދީފައިވަނީ 1997ވަނަ އަހަރުގައެވެ. އެ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުން އެގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް ނިންމީ ދުރާލާ ވޯޓުމުލަށް ހުޅުވާލައި މުއްދަތުގައި ނުވަތަ އިންތިޚާބުގައި ވޯޓުލައި ތާރީޚުގައި އެމީހަކު ހުންނާނީ ސްޕޭސްފުލައިޓެއްގައި ނަމަ ވޯޓުލެވޭ ގޮތަށެވެ.

ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރު މަރުކަޒުކޮށްފައިހުންނަނީ ޓެކްސަސްގެ ހޫސްޓަންގައެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ އެސްޓްރޯނަޓުން އެ ސްޓޭޓުގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުން ވޯޓުލާންޖެހެނީ ހޫސްޓަން ހިމެނޭ ހެރިސް ކައުންޓީއަށެވެ.

ނާސާއިން ބުނީ ހެރިސް ކައުންޓީ ކުލާކު އޮފީހުން ރައްކާތެރިކަމާއެކު އިންޓަނެޓު މެދުވެރިކޮށް ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގެ މިޝަން ކޮންޓްރޯލު ސެންޓަށް ވޯޓު ކަރުދާހެއް ފޮނުވާކަމަށެވެ. އެއަށްފަހު ވޯޓުލާ ކުރޫ މެންބަރަށް ޚާއްސަ ޕާސްވޯޑެއް ހިމެނޭ އީމެއިލެއް ކުރޫ މެންބަރަށް ކައުންޓީ ކުލާކުގެ ފަރާތުން ފޮނުވައެވެ.

ވޯޓު ކަރުދާސް ހުޅުވޭނީ އެ ޕާސްވޯޑު ޖަހައިގެން އެކަންޏެވެ. އެއަށްފަހު ޖައްވުގައި ހުރި އެސްޓްރޯނަޓު ވޯޓު ކަރުދާހުގައި ފާހަގަޖަހައި އިންޓަނެޓު މެދުވެރިކޮށް ކައުންޓީ އޮފީހަށް އަލުން އަނބުރައި ވޯޓު ކަރުދާސް އީމެއިލުކުރެއެވެ.

ދުނިޔެއިން ބޭރުގައި ހުރެވެސް ވޯޓުލުމަށް ލިބިފައިވާ ހައްޤުގެ ބޭނުން ރައްޔިތުން ހިފަމުންދާތީ އެކަމުގެ ސަބަބުން ވޯޓުލުމަކީ ކިހާ މުހިންމުކަމެއްކަން އާންމުންނަށް ދޭހަވާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.