ޚަބަރު

މިމަހު ފަހުކޮޅު ބައެއްހިސާބުތަކަށް އުދައަރާނެކަަމަށްބެލެވޭ - މެޓް


މިމަހުގެ 28، 29، 30 މިތިންދުވަހު ދިޔަވަރު އެންމެބޮޑުވާ ވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތްކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާރވިސުން ހާމަކޮށްފިއެވެ. މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިކަމާގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.މިމަހުގެ 28 ވަނަދުވަހަކީ ހަނދުކޭތަ ހިފާދުވަހަކަށްވީއިރު، އެހަނދުކޭތައާ ގުޅިގެން ހަނދާއި، ދުނިޔެ އަދި އިރު އެއްލައިންއަކަށް ދިމާވެ، ހަނދު ދުނިޔެއާއި ކާރިވުމުން ކަނޑުގެ ދިޔަވަރު އާދަޔާ ޚިލަފަށް ބޮޑުވާކަމަށާއި، އެކަމުގެ ސަބަބުން އެދުވަސްވަރު އޮއިގަދަވާގޮތް ދިމާވާކަން މީޓިއޮރޮލޮޖިކަލް ސާރވިސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތަށް އޮއި ގަދަވުމުން ރާއްޖެއާއި ދުރުން އުފެދިގެން އަންނަ ބާނިތަކާއި ރާޅުތަކުގެ ސަބަބުން މިމަހުގެ 25 ން 30 އާއި ދެމެދު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސްއިން ލަފާކޮށްފައިވާ ކަމަށް މެޓް އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.މި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ދިޔަވަރު އެންމެބޮޑުވެގެންދާ ގަޑިތަކުގައި ކަމަށާއި، މިގޮތުން  މިމަހުގެ 28، 29، 30 މި ތިންދުވަހު ދިޔަވަރު އެންމެބޮޑުވާވަގުތު ރާއްޖޭގެ އެކިހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަން މީޓޮރޮލޮޖިކަލް ސަރވިސުން ވަނީ ހާމަކޮށްފައިވެއެވެ. މިމަމަހުގެ 27،  28 ،29، 30, ގައި ރާއްޖޭގެ އުތުރުން ހަނިމާދޫއަށް ދިޔަވަރު އެންމެ ބޮޑުވާނީ، ސެޕްޓޭމްބަރ 27 ވަނަ ދުވަހުގެ ރޭގަނޑު 11:41 ން ފެށިގެން ދަންވަރު 1:13 އަށް.  އަދި މިދުވަސްތަކުގެ ހެނދުނު 11:40 އާއި 12:45 ދެމެދު ދިޔަވަރު ބޮޑުވާނެއެވެ.މާލެ ސަރަޙައްދަށް ދިޔަވަރު ބޮޑުވާނެ ކަމަށް ބެލެވެނީ މެންދަމު ބާރައިން ފެށިގެން މެންދަމު ދެގަޑި ތޭރައާއި ދެމެދު. އަދި މި ދުވަސްތަކުގެ މެންދުރު ބާރަގަޑި ފަންސާސް އަށަކުން ފެށިގެން މެދުރުފަހު 02:02 ހަމައަށެވެ. ރާއްޖޭގެ ދެކުނުން ސ. ގަމަށް ސެޕްޓޭމްބަރ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 1:34 ން ފެށިގެން 29 ވަނަ ދުވަހުގެރޭ ދަންވަރު 2:52 އާދެމެދަކީ ދިޔަވަރު އެންމެ ބޮޑުވާ ގަދިތަކެވެ. އަދި ހަމަ އެދުވަސްތަކުގެ މެންދުރު 1:42 ން ފެށިގެން މެންދުރުފަހު 14:00 ހަމައަށް ދިޔަވަރު ބޮޑުވާނެއެވެ.