ޚަބަރު

ޢަބްދުލް ޤައްޔޫމް ހަސަން އަވަހާރަ ވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ
އޮފީހަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރެއްވި އަދި އެ
އޮފީހުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި މާފަންނު މުއިވިލު އަލްފާޟިލް ޢަބްދުލްޤައްޔޫމް
ޙަސަން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޢަބްދުލްޤައްޔޫމް ޙަސަން އަވަހާރަވީ،
މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ
71 އަހަރެވެ.



އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް
ޙަސަން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. 

" އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ޙަސަން އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ. އަދި ޢަބްދުލްޤައްޔޫމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު އެމަނިކުފާނު ވަޒަންކުރައްވާ.       ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ." 

ޢަބްދުލްޤައްޔޫމް ޙަސަނަކީ
49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންމެދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި ޢަބްދުލްޤައްޔޫމް
ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި އޭގެފަހުން ރައީސް އަލްއުސްތާޛު މައުމޫން
ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ޒަޢާމަތުގައި، އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އެގޮތުން، އެ އޮފީހުގެ އެސިސްޓެންޓް
ޓު ދަ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަޤާމާއި، ސީނިއަރ ޕްރެޒިޑެންޝަލް އެއިޑް ކަމުގެ
މަޤާމާއި، ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
ޢަބްދުލްޤައްޔޫމް ޙަސަން ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ، 8 ޖަނަވަރީ 2009 ގައި
ޢުމުރުފުޅުން 65 އަހަރުވުމާ ގުޅިގެންނެވެ. ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ މުޝީރު ކަމުގެ މަޤާމުގައެވެ.



އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް
ޙަސަނަކީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތް ކުރެއްވި އަދި ޙަވާލުކުރެއްވި
ކޮންމެ މަސައްކަތެއް ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި، ދައުލަތަށާއި ސަރުކާރަށް
އިޚްލާޞްތެރި ޚާދިމެކެވެ. އަދި ހުރިހާ މުވައްޒަފުންނާވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި
ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅެކެވެ. ޚިދުމަތުގައި ވަރަށް ބުރަކޮށް އުޅުއްވި އެހެން
މުވައްޒަފުންނަށް، ވަރަށް ރިވެތި ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ.



އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް
ޙަސަން އަވަހާރަވިއިރު 6 ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. އެއީ ފިރިހެން 3 ބޭފުޅުންނާއި،
3 އަންހެން ބޭފުޅުންނެވެ.