ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު އިންޑިޔާގެ ނިއު ދިއްލީއަށް


އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ އާއި ދިފާޢީ ވަޒީރު މަރކް އެސްޕާ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ސަރުކާރުގެ އިސް ދެ ވަޒީރުން އިންޑިޔާއަށް ވަޑައިގެންފައިވަނީ ޓޫ ޕްލަސް ޓޫ ޑަޔަލޮގުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ޙަރަކާތުގެ ދަށުން މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގައެވެ. މިއީ އިންޑިޔާއާއި އެމެރިކާއާއި ދެމެދު އެފަދަ ވާހަކަތައް ބާއްވާ ތިންވަނަ ފަހަރެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާއާއި އިންޑިޔާއާ ދެމެދު ޓޫ ޕްލަސް ޓޫ ޑައިލޮގުގެ އިތުރު ބުރެއް ބޭއްވުމަށް ނިންމާފައިވާ ނިންމުމުން ދެ ޤައުމުގެ ޚާރިޖީ އަދި ދިފާޢީ ކަންކަމަށްދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އިންޓަނެޓު މެދުވެރިކޮށް ޤައުމުތަކުގެ ލީޑަރުން ބައްދަލުކުރައްވަމުންދާ ދަނޑިވަޅެއްގައި ޕޮންޕެއޯއާއި އެސްޕާ އިންޑިޔާއަށް ވަޑައިގަންނަވާތީ އިންޑިޔާއާއި އެމެރިކާއާއިދެމެދު އޮތް ގުޅުމުގެ މުހިންމުކަން ހާމަކޮށްދޭކަމަށް ދެ ޤައުމުންވެސްވަނީ ބުންޏެވެ.

އިންޑިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި ޕޮންޕެއޯ ވިދާޅުވީ އެމެރިކާގެ ބައިވެރިންނާއި ބައްދަލުކޮށް ގުޅުންބަދަހިކުރުމުގެ ފުރުޞަތު ލިބިފައިވާތީ އެކަމާ އުފާކުރައްވާކަމަށެވެ. އިންޑޯޕެސިފިކް ސަރަޙައްދަކީ މިނިވަން އަދި ހުޅުވިފައިވާ ސަރަޙައްދެއްކަން ޔަޤީންކުރުމާއި އެ ސަރަޙައްދުގެ ޤައުމުތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ވަރުގަދަ އަދި ތިޔާގި ޤައުމުތަކެއްގެ ގޮތުގައި ދެމިއޮތުމާގުޅޭގޮތުން ބައްދަލުވުންތަކުގައި މަޝްވަރާކުރައްވާނެކަމަށް އޭނާގެ ޕޯސްޓުގައިވަނީ ލިޔުއްވާފައެވެ.

މައިކް ޕޮންޕެއޯގެ ދަތުރުފުޅުގައި އިންޑިޔާގެ އިތުރުން ސްރީލަންކާއާއި ދިވެހި ރާއްޖެ އަދި އިންޑޮނޭޝިޔާއަށްވެސް ޒިޔާރަރްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ޓޫ ފޯރ ޓޫ މަޝްވަރާތަކުގައި އެމެރިކާއާއި އިންޑިޔާއިން ދެ ޤައުމުގެ ދެމެދުގައިވާ ޚަރިޖީ އަދި ދިފާޢީ ގުޅުމާގުޅޭގޮތުން ވާހަކަ ދައްކަވާނެއެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރާނީ މައިގަނޑު ހަތަރު މަޢުލޫއެއްގެ މައްޗަށެވެ. އެގެ ތެރޭގައި ސަރަޙައްދީ ސަލާމަތަށް އެކުގައި މަސައްކަތްކުރުމާއި، ދިފާޢީ މަޢުލޫމާތު ދެ ފަރާރް ދެމެދުގައި ޙިއްޞާކުރުމާއި ދެ ޤައުމުގެ އަސްކަރިއްޔާއާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އިތުރުން ދިފާޢީ ވިޔަފާރިތަކާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ. ދެ ދުވަހުގެ ދަތުރުފުޅުގައި ޕޮންޕެއޯއާއި އެސްޕާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާއި ދިފާޢީ ވަޒީރު ރަޖުނަތު ސިންގާއި ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާނެއެވެ. އަދި އިންޑިޔާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު އަޖިތު ޑޮވަލްއާއިވެސް ބައްދަލުކުރައްވާނެއެވެ.

އެމެރިކާއާއި އިންޑިޔާއާއި ދެމެދު ޓޫ ޕްލަސް ޓޫ ޑަޔަލޮގު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިއު ދިއްލީގައެވެ. އޭގެ ދެވަނަ ބުރު ބާއްވައިފައިވަނީ ޖެހިގެން އައި އަހަރުގައި އެމެރިކާގެ ވޮޝިންގޓަން ޑީސީގައެވެ.