ދުނިޔެ

މެލޭޝިޔާގައި ކުއްލި ޙާލަތު އިޢުލާނު ކުރުމުގެ ޙުއްދަ ނުލިބުނު


ކޯވިޑް-19ގެ ސަބަބުން މެލޭޝިޔާގެ ޙާލަތު ގޯސްވަމުންދާތީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އެދިވަޑައިގަތުމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން ނުޖެހޭކަމަށް އެ ޤައުމުގެ ރަސްގެފާނު ނިންމަވައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 25،742 މީހުންނަށް ކޯވިޑް-19 ޖެހި 16،555 މީހުންވަނީ މަރުވެފައެވެ. މެލޭޝިޔާގައި ބަލިފެތުރޭ މިންވަރު ދަށަށް ދިޔުމަށްފަހު އެ ޤައުމުގައި ބޭއްވި އާންމު އިންތިޚާބުގެ ފަހުން ބަލިފެތުރޭ މިންވަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،228 މީހުންނަށް ބަލިޖެހި 7 މީހުންވަނީ މަރުވެފައެވެ. އެއީ އެ ޤައުމުގައި އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

ކޯވިޑް-19ގެ ސަބަބުންކަމަށް ވިދާޅުވެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމުގެ ސަބަބުން އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހިމާއި އެހެން އިދިކޮޅު ފަރާތްތަކުންވަނީ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ފާޑުވިދާޅުވެފައެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ޤާނޫނު ހަދާ މަޖިލިސް މެދުކެނޑުމަކަށް އަންނާނެތީ، ކޯވިޑް-19 ފެތުރޭ ކަމަށް ވިދާޅުވެ އެ ޙާލަތު އިޢުލާނުކުރުމަކީ ބޮޑުވަޒީރު ކަމުގައި ދެމިހުންނެވުމުގެ ބޭނުމުގައި މުޙްޔިއްދީން ޔާސީން އަޅުއްވާ ފިޔަވަޅެއްކަމަށް އެ ބޭފުޅުންވަނީ ތުހުމަތުކުރައްވާފައެވެ.

މެލޭޝިޔާގެ ޤާނޫނުގައިވާ ގޮތުން ސަލާމަތީ ކަންކަމާއި އިޤްތިޞާދީ ޙާލަތާއި ޤައުމުގެ އާންމު ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަންޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ނިންމުމުގެ ބާރު އެ ޤައުމުގެ ރަސްގެފާނަށް ލިބިގެންވެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ ވަރަށް ކޯވިޑް-19ގެ ސަބަބުން މެލޭޝިޔާގެ ޙާލަތު ގޯސްވެފައި ނުވާކަމަށް ވިދާޅުވެ މެލޭޝިޔާގެ ރަސްގެފާނު އައްސުލްޠާން އަބްދުﷲވަނީ ބޮޑުވަޒީރުގެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ރަސްގެފާނު އަބްދުﷲ އެގޮތަށް ނިންމަވާފައިވަނީ ޝާހީ އިސް އެހެން ބޭފުޅުންނާއިއެކު މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް ޝާޙީ ގަނޑުވަރުން ބުންޏެވެ. ޝާހީ ގަނޑުވަރުން ބުނީ ކުއްލި ޙާލަތު އިޢުލާނުކުރުމަށް ބޮޑުވަޒީރު ހުށަހަޅުއްވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ކަމަށް ވިޔަސް ބަލިމަޑުކަމުގެ ކަންކަމުގައި ސަރުކާރުން ޢަމަލުކުރަމުންދަނީ ރަނގަޅަށް ކަމަށެވެ. އަދި ބޮޑުވަޒީރުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނު އަބްދުﷲއަށް އޮންނެވިކަމަށެވެ.

އައު ސަރުކާރު އުފެއްދުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތާޢީދު އޮތްކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްވަނީ އެކަމުގެ ޔަޤީންކަން އެރުވުމަށް ރަސްގެފާނު އަބްދުﷲ އާއި މި މަހުގެ ކުރީކޮޅުގައި ބައްދަލުކުރައްވާފައެވެ. ސިޔާސީ މަޝްރަހާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވަރަށް އަވަހަށް ރަސްގެފާނު ބައްދަލުކުރައްވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭތީ މެލޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅުމުން އެ ބައްދަލުވުންތައްވަނީ ފަސްކޮށްފައެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމު ޔަޤީންކުރެއްވުމަށް މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާއި އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހިމް މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައި ރަސްގެފާނު އަބްދުﷲ މި ނިންމެވުމަކީ ބޮޑުވަޒީރު މުޙްޔިއްދީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ދެރައެކެވެ.